ގައުމީ ވޮލީބޯޅަ ޓީމު

ސެންޓްރަލް ޒޯން މުބާރާތަށް ވޮލީ ޓީމު ދާނީ ކާއްޓޭއާއެކު، ޔޫރަޕް ކޯޗު ހަވާލުވާނީ މުބާރާތަށް ފަހު

ބަންގުލަދޭޝްގައި އަންނަ މަހު ބާއްވަން ނިންމާފައިވާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ގައުމީ ފިރިހެން ވޮލީ ޓީމު ނުކުންނާނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގެ ދަށުން ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ކޯޗުކަމުގައި ކާއްޓޭ މަސައްކަތް ކޮށްފައިވާ އިރު، އޭނާ ވަނީ ޓީމު ގޮވައިގެން ސެންޓްރަލް ޒޯން މުބާރާތްތަކުގައިވެސް ވާދަކޮށްފައެވެ. މީގެ ކުރިން 2017 އިން ފެށިގެން 2019 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށްވެސް ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ކާއްޓޭ ވަނީ މަސައްކަތްކޮށްފައެވެ.

އޭވީސީއަށް ކާއްޓޭއާ ގައުމީ ޓީމު ހަވާލުކުރުމާ ގުޅިގެން ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) މިރޭ ވިދާޅުވީ އެ ނިންމުން ނިންމީ ބޭރުން ގެންނަ ކޯޗުގެ އައުން ލަސްވާތީ، މުބާރާތަށް ތައްޔާރުވާން ވަގުތު ހޯދުމަށް ކަމަށެވެ.

"ސެންޓްރަލް ޒޯންގެ ދައުވަތު ލިބިގެން ދިޔައީ ވަރަށް ލަސްވެފައި އޮއްވައި. އެހެން ނަމަވެސް މެޑަލް ހޯދާ މުބާރާތެއްވީމަ އަޅުގަނޑުމެން ނިންމީ ވީހާވެސް އަވަހަށް ފަށައިގެން ތައްޔާރުވާން. ބޭރުން ކޯޗެއް ގެންނަ ވާހަކަ ކުރިން ދެއްކީ، އެކަމަކު ކޯޗު މި ހަމަޖެހެނީ ޑިސެންބަރު 15 ހިސާބުގައި. އެހެންވީމަ މި ޖެހުނީ ދިވެހި ކޯޗަކާއެކު މަސައްކަތް ކުރަން. އެހެންވީމަ ޓެކްނިކަލް ޓީމާއެކު މަޝްވަރާކޮށް ކޯޗެއް ހަމަޖެހިގެން މިދަނީ،" ރަނޭ ވިދާޅުވިއެވެ.

ރަނޭ އިތުރަށް ވިދާޅުވީ ކޮވިޑު 19 ގެ ހާލަތުގެ ތެރެއިން އައިސް މުބާރާތަކަށް އެންމެ އެކަށޭނެ ގޮތަކަށް ތައްޔާރުވެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ރާއްޖެއަކީ މި ރީޖަންގައި ވަރުގަދަ ޓީމަކަށް ވުމާއެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކާއްޓޭއަކީ ގައުމީ ވޮލީގެ ތަޖުރިބާ ބޮޑު ކޯޗަކަށް ވުމަކީ ފައިދާއެއް ކަމަށް ރަނޭ ފާހަގަކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ ކާއްޓޭއަކީ ކުޅުންތެރިންވެސް އެންމެ ރަނގަޅަށް ދަންނަ ކޯޗު ކަމަށެވެ.

"ކާއްޓޭއަކީ މުބާރާތުގެވެސް އެންމެ ތަޖުރިބާ ރަނގަޅު އެއް ކޯޗު. ކާއްޓޭއަކީ ދިވެހި ކުޅުންތެރިން އެންމެ ރަނގަޅަށް އެނގިފައިވާ ކޯޗު، ހާއްސަކޮށް ވަގުތު ކުޑަތަން ވުމާއެކު އެފަދަ ތަޖުރިބާއެއް ހުރި ކޯޗެއް މި ހަމަޖެއްސީ. ބޭރު ކޯޗު އައުމާއެކު ޓީމާ ހަވާލުވާނެ، އެކަމަކު ސެންޓްރަލް ޒޯނަށް ދާނީ ކާއްޓޭއާއެކު،" ރަނޭ ވިދާޅުވިއެވެ.

އަލަށް ގެންނަ ކޯޗަށް މުބާރާތަށް ޓީމު ފުރުމުގެ ކުރިން ރާއްޖެ އައިސްފިނަމަ، އެ ކޯޗުވެސް ޓީމާއެކު ދަތުރުކުރާނެ ކަމަށް ރަނޭ ވިދާޅުވިއެވެ. އަދި ކޯޗު ޓީމާއެކު ގޮސް، މެޗުތައް ބަލައި، ޓީމު ދިރާސާކުރާނެ ކަމަށް ރަނޭ ފާހަގަކުރެއްވިއެވެ.

ކޮވިޑުގެ ކުރިން ސެންޓްރަލް ޒޯންގެ މުބާރާތް ބާއްވަން ގަސްދުކޮށްފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ދެ ކެޓަގަރީއަކަށް ބަހާލި އިރު، އެފަހަރު ރާއްޖެ ލައްވާލީ ބީ ކެޓަގަރީގައެވެ. މި ސަރަހައްދުގެ ޓީމުތައް ބީ ކެޓަގަރީގައި އެފަހަރު ކުޅެން ނިންމީ ސައުތު އޭޝިއަން ޗެލެންޖު ކަޕެވެ. އޭގެ އިތުރުން އަނެއް ކެޓަގަރީގައި ކުޅެން ނިންމީ ސެންޓްރަލް އޭޝިއަން ޗެލެންޖު ކަޕެވެ. އޭރު އޮތް ގޮތުން ކޮންމެ ކެޓަގަރީއަކުން އޭވީސީ މުބާރާތަށް ދާ ގޮތަށް އޮތީ ތިން ޓީމެކެވެ. އެހެން ނަމަވެސް އެ ދެ މުބާރާތްވެސް ކޮވިޑް 19ގެ ސަބަބުން ކެންސަލް ވެގެން ގޮސް، މިހާރު ނިންމާފައި ވަނީ ސެންޓްރަލް ޒޯންގެ އެއް މުބާރާތް ބޭއްވުމަށެވެ.

އަންނަ މަހުގެ 21-29 އަށް ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ފިރިހެން ވޮލީ މުބާރާތުގެ ތެރެއިން އަންހެން ޑިވިޝަންގެ މުބާރާތްވެސް އެގައުމުގައި ކުރިއަށް ގެންދަން އޭވީސީން ވަނީ ނިންމައިފައެވެ. އަންހެން ޓީމުގެ ކޯޗު ކަމަށް ހަމަޖައްސާފައި ވަނީ އާންމުކޮށް އެޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ފެނިގެންދާ މުމްތާޒް އަލީ (މުންތޭ) އެވެ.

ދެ ޑިވިޝަންގެ ޓީމަށްވެސް ދިވެހި ކޯޗުން ހަމަޖައްސާފައިވާ އިރު، ވީއޭއެމްގެ ރައީސް ރަނޭ ވިދާޅުވީ ދިވެހި ކޯޗުންގެ ފެންވަރާ މެދު އެއްވެސް އިރެއްގައި ސުވާލު ނުއުފައްދާނެ ކަމަށާއި، މިއީ ކޯޗުންނަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށެވެ.