ސްޕެނިޝް ލަލީގާގައި މިރޭ ސެލްޓާ ވީގޯއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ބާސާގެ ވަގުތީ ކޯޗު ސާޖީ ބަރުޖުއާންގެ އިރުޝާދުގެ ދަށުން އެ ކްލަބުން ކުޅުނު ފަހު މެޗުގައި މިރޭ ސެލްޓާ ވީގޯއާ ދެކޮޅަށް ނުކުތީ ރަށުން ބޭރުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ތިން ގޯލު ޖަހައި ބޮޑު ލީޑެއް ނެގި ނަމަވެސް ސެލްޓާއިން ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޕޮއިންޓާއެކު ބާސާ އަދިވެސް އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. 12 މެޗުން ބާސާއަށް ލިބިފައި ވަނީ 17 ޕޮއިންޓެވެ.

ބާސާގެ ކޯޗުކަމުގައި މި ސީޒަން ފެށި ރޮނާލްޑް ކޫމަން އެ މަގާމުން ދުރުކޮށް، ކްލަބުގެ ނަތީޖާ ރަނގަޅު ކުރުމަށް މިހާރު ރަސްމީކޮށް ހަވާލުކޮށްފައި ވަނީ ލެޖެންޑް ޒަވީ ހެނާންޑޭޒްއާއެވެ. މިވަގުތު ބާސާގެ ކޯޗުކަމުގައި ވަގުތީ ގޮތުން ބަރުޖުއާން ހުރި ނަމަވެސް، ކޯޗު ކަމަށް ޒަވީ ގެންގޮސްފައި ވާކަން މިއަދު ކްލަބުން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. ބާސާއަށް އެތައް ދުވަހަކު ކުޅެދީ، ކްލަބުގައި ރަން ކާމިޔާބީތަކެއް ހޯދި ލެޖެންޑް ޒަވީ ކްލަބަށް އަނބުރާ ދިޔައީ ގަތަރުގެ ކްލަބު އަލް ސާދުގެ ކޯޗުކަމުގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހުއެވެ. ޒަވީ ގެންދަން ބާސާއިން ވަނީ ސާދަށް ރިލީސް ފީ ދައްކައިފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން މެޗު ކޮންޓްރޯލުކޮށް، ގޯލުތައްވެސް ޖެހިއެވެ. ފުރަތަމަ ގޯލު އަންސޫ ފަޓީ ކާމިޔާބު ކޮށްދިން އިރު، އަންސޫ ފަޓީގެ ހުނަރުވެރި ކުޅުމަކާއެކު ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ގޯލު ޖެހީ ސާޖިއޯ ބުސްކަޓްސް އެވެ. މެޗުގެ ތިންވަނަ ގޯލު 34 ވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ މެމްފިސް ޑިޕޭއެވެ. އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ އަލްބާއެވެ.

ބާސާއިން ކޮންޓްރޯލް ކުރަމުން ދިޔަ މެޗުގެ އޮއިވަރު ދެވަނަ ހާފުގައި މުޅިން ބަދަލުވިއެވެ. ހާފުގެ ކުރީކޮޅުގައި އިއޭގޯ އަސްޕާސްގެ ގޯލުން ސެލްޓާ އުންމީދެއް ހޯދި އިރު، މެޗުގެ 74 ވަނަ މިނެޓުގައި ނޮލީޓޯ ޖެހި ގޯލާއެކު ސެލްޓާއިން ޕޮއިންޓަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ސެލްޓާއިން ކުރިއަށް ޖެހި ބާސާއަށް އުނދަގޫތައް ކުރިމަތި ކުރުވާފައިވެއެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 96 ވަނަ މިނެޓުގައި އަސްޕާސް ޖެހި ގޯލާއެކު މެޗުގެ ނަތީޖާ ސެލްޓާއިން ހަމަހަމަ ކުރިއެވެ.

އެންމެފަހުން ލަ ލީގާގައި ބާސާއިން ކުޅުނު ހަތަރު މެޗުގައިވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ.