އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
މިރޭ ސްޓެންފޯޑު ބްރިޖުގައި ކުޅުނު މެޗުން އެއްވަރުވެ، ޗެލްސީއަށް ވަނީ އެއްވަނައިގައި ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތު ބޭކާރުވެފައެވެ. ޗެލްސީން 11 މެޗު ކުޅުނު އިރު، އެޓީމަށް 26 ޕޮއިންޓު ލިބިފައިވެއެވެ. 11 މެޗުން 23 ޕޮއިންޓާއެކު މިވަގުތު މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތް އިރު، ޗެލްސީއާ ޕޮއިންޓެއް ގާތަށް ޖެހިލުމަށް ލިވަޕޫލަށް ވަނީ މިހާރު ފުރުސަތު ފަހިވެފައެވެ. ދިހަ މެޗުން 22 ޕޮއިންޓާއެކު ލިވަޕޫލް މިވަގުތު ތިންވަނައިގައި އޮތް ނަމަވެސް، މާދަމާ ރޭ ވެސްޓް ހަމް ކައިރިން މޮޅުވެ، ލިވަޕޫލަށް ދެވަނައަށް ޖެހިލެވޭނެއެވެ.
މިރޭގެ މެޗަށްވެސް ޗެލްސީ ނުކުތީ ޓީމުގެ އެންމެ މުހިއްމު ދެ ފޯވަޑުން ކަމަށްވާ ޓީމޯ ވާނާއާއި ރޮމެލޫ ލުކާކޫ ނުލައެވެ. އެ ދެކުޅުންތެރިންވެސް އަނިޔާގައި ތިބި އިރު، މެދު ތެރެއަށް ކުޅޭ މަޓެއޯ ކޮވަސިޗުވެސް ހުރީ އަނިޔާގައެވެ. ދަތެއް ނެގުމުގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މޭސަން މައުންޓުވެސް މިރޭގެ މެޗަށް ފުރަތަމަ 11 ގައި ނުކުމެފައެއް ނުވެއެވެ. އެހެން ނަމަވެސް ފަހު ދިހަ މިނެޓުގައި ކޯޗު ތޯމަސް ޓުޗެލް ވަނީ މައުންޓު ކުޅުމަށް ނެރެފައެވެ.
މެޗު ފެށިގެން ޑޮމިނޭޓުކޮށް ކުޅުނީ ޗެލްސީންނެވެ. އެޓީމުން ކުރިއަށް ޖެހި ބާންލީ ކައިރީގައި މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލު ކޮށްގެން ކުޅެމުން ގޮސް، ފުރަތަމަ ހާފުގައި ލީޑުވެސް ނެގިއެވެ. އަރިމަތިން ރީސް ޖޭމްސް ނަގައިގެން ހިތްގައިމު ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ ކައި ހަވާޓްސްއެވެ. ރީސް ޖޭމްސް އެ ގޯލަށް ކޮށްދިން އެސިސްޓާއެކު މިހާތަނަށް ސީޒަންގައި ހަތް ގޯލެއްގައި އޭނާ ހިއްސާ ވެފައިވެއެވެ.
އެ ގޯލަށްފަހުވެސް އެތައް ހަމަލާތަކެއް އުފައްދައި ޗެލްސީން ލީޑު ފުޅާ ކުރުމާ ގާތަށްވެސް ޖެހިލިއެވެ. ތިއޭގޯ ސިލްވާގެ ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެގެން ބޭރަށް ދިޔަ އިރު، ކަލުމް ހަޑްސަން އޮޑޯއީގެ ބާރު ހަމަލާ މަތަކުރީ ބާންލީގެ ގޯލްކީޕަރު ނިކް ޕޯޕެވެ.
ޗެލްސީން ދެވަނަ ހާފަށް ނުކުމެވެސް ހަމަލާތައް އުފެއްދި ނަމަވެސް ފެނުނީ ގިނަ ފުރުސަތުތަކެއް ބޭކާރު ކުރަމުން ދިޔަތަނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޗެލްސީ ކޮޅަށް ދިޔަ ނުރައްކާތެރި ފުރަތަމަ ހަމަލާ މަޓޭޖް ވީދުރާ ގޯލަށް ވައްދާލިއެވެ. އެޝްލީ ވެސްޓްވުޑް ނަގައިދިން ހުރަސް އޭރިއާ ތެރޭގައި ހުރެފައި ޖޭ ރޮޑްރިގޭޒް ޖައްސާލުމުން ފަހިވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ވީދުރާއަށެވެ. އެ ބޯޅަ އެއްފަހަރުން ފޮނުވާލައި އޭނާ ބާންލީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
މެޗުގެ ފަހުކޮޅުގައި ޗެލްސީން ކުރިއަށް ޖެހި ތިން ޕޮއިންޓަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެންމެ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މިރޭގެ މެޗުގައި ޗެލްސީ ކޮޅަށް ވަން ގޯލަކީ މިހާތަނަށް މި ސީޒަންގެ ލީގުގައި އެޓީމު ކޮޅަށް، ކުޅުމުގެ ތެރެއިން ވަން ފުރަތަމަ ގޯލެވެ. މިހާތަނަށް ލީގުގައި ޗެލްސީ ކޮޅަށް ހަތަރު ގޯލު ވަދެފައިވާ އިރު، އޭގެ ތެރެއިން ތިން ގޯލަކީ ސެޓް ޕީސްތަކުން ވަދެފައިވާ ގޯލުތަކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު