ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގާނޫނު އިސްލާހު ކުރީ 2015 ވަނަ އަހަރު ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި އެކަމުގެ އިލްޒާމް އަދުގެ ސަރުކާރު ނުވަތަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސް، އިއްޔެ ގެޒެޓު ކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ދިއުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނެސް ފާސްކުރީ 2015 ވަނަ އަހަރު ކަމަށާއި އެކަން ކުރީވެސް ކުއްލިއަކަށް އަވަސް އަރުވާލައިގެން ކަމަށެވެ.

"ނަމަވެސް މިއަދު މުޅި އިލްޒާމް އަދުގެ ސަރުކާރު ނުވަތަ ސީއެސްސީ ބޮލަށް ކަނޑާލަން އުޅުނަސް ދިވެހި ރައްޔިތުންނަށް ވާނުވާ ވަރަށް ސާފު،" ނިހާދު ވިދާޅުވިއެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގެ ގޮތުގައި 2015 ވަނަ އަހަރު އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުގެ 53 ވަނަ މާއްދާގައި ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެ ކަންތައްތައް ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުން ކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތްތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް އަދި ރަސްމީ މަސަައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރާކާތެއްގައި ބައިވެރިވެގެން ނުވާނެ ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ ވާޖިބުތަކާއި މަސްއޫލިއްޔަތު ތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށާއި ސިވިލް ސާވިސްގައި ދެމިހުރިހާ ހިނދަކު، ސިޔާސީ ޕާޓީއެއްގެ މަގާމުތަކުގެ ތެރެއިން ގާނޫނަކުން ނުވަތަ ސިވިލް ސާވިސްގެ ގަވާއިދުގައި ހުއްދަ ނުކުރާ މަގާމެއް ފުރައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިސްލާހުކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި ސިވިލް ސާވިސް ގަވާއިދުގައި ސިވިލް ސާވިސްގެ ވަޒީފާއިން ވަކި ކުރެވޭ ފަދަ ކުށްތަކުގެ ތެރޭގައި އެ ކުށްތައް ވަނީ ހިމަނައިފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ އެ ކަންތައްތައް ގަވާދުގައި ސާފުކޮށް ލިޔުނީ ނުކުރަންވީ ކަންތައްތައް ސިވިލް ސާވަންޓުންނަށް ސާފުކޮށް އެންގުމުގެ ގޮތުން ކަމަށެވެ.