ޚަބަރު

ފުލުހުންގެ މަސައްކަތަށް ބޭނުންވާ ސާމާނު އިންޑިއާއިން ހަދިޔާކުރަނީ

މުހައްމަދު އިޝާން

ފުލުހުންގެ މަސައްކަތަށް ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން ހަދިޔާކުރަން ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފުލުހުންނަށް ހަދިޔާކުރާ ސާމާނުތަކުގެ ތެރޭގައި ފުލުހުންނަށް ބޭނުންވާ ވެހިކަލާއި އައިއީޑީ ޑިޓެކްޓާސް ފަދަ އޮޕަރޭޝަނަލް އިކުއިޕްމެންޓު ހިމެނޭނެ ކަމަށެވެ.

ހަދިޔާކުރާ ސާމާނުތަކުގެ ތެރޭގައި ސިޑާންގެ ދެ ވައްތަރެއްގެ 15 ކާރާއި ހަތަރު އެސްޔޫވީ އާއި ޕިކަޕު ވައްތަރުގެ ފަސް އުޅަނދު ހިމެނޭ ކަމަށާއި އޭގެ އިތުރުން ޝީލްޑާއި ރަޔަޓް ހެލްމެޓާއި ތާމަލް ދުރުމި އާއި ނައިޓް ވިޝަން ދުރުމި އާއި އައިއީޑީ ޑިޓެކްޓާސް އާއި މުގުރާއި މެޓަލް ޑިޓެކްޓާސް އާއި މަގުމަތީ ބަހައްޓާ ކޯނާއި ބެރިކޭޑު ވެސް ހިމެނޭ ކަމަށް އިއުލާނުގައިވެއެވެ.

އިންޑިއާ ހައި ކޮމިޝަންގެ އެ އިއުލާނުގައި ބުނީ، ފުލުހުންގެ ސާމާނު ދެ މަސް ތެރޭގައި ރާއްޖެ ގެންނާނެ ކަމަށާއި ރާއްޖެ ގެންނަ ވެހިކަލްތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ލޯގޯއެއް ޖަހާފައި ހުންނާނެ ކަމަށެވެ.

އިންޑިއާގެ ފަރާތުން ފުލުހުންގެ މަސައްކަތަށް ބޭނުންވާ ސާމާނު ހަދިޔާކުރާތީ ފުލުހުންގެ މުއައްސަސާއިން ވަނީ އެކަމަށް ޝަކުރު އަދާކޮށްފައެވެ. އެ އިދާރާއިން ބުނީ، ދިވެހި ރައްޔިތުންނަށް ރަނގަޅު އަދި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.

އައްޑޫ ސިޓީގައި އަލަށް ގާއިމުކުރާ ފުލުހުންގެ ޓްރޭނިން ސެންޓަރަކީ ވެސް އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރަމުން އަންނަ ތަނެކެވެ.