ކ. ގުރައިދޫގައި ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ގުރައިދޫ ކައުންސިލް މެމްބަރު އިބްރާހިމް ޝަލީޒް "ވަން" އަށް މިއަދު ވިދާޅުވީ އެ ރަށުން އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެނބިގެން މަރުވެފައިވާ ކަމަށެވެ.
ޝަލީޒް ވިދާޅުވީ ކުޑަކުއްޖާ ދިރިއުޅޭ ގެ ހުންނަނީ މޫދާ ވަރަށް ކައިރީގައި ކަމަށާއި ކުއްޖާ ގެނބުނީ ކާން ދިނުމަށްފަހު ތަށި ބަހައްޓަން އެ ކުއްޖާގެ މަންމަ ބަދިގެއަށް ދިޔަ ވަގުތު އަމިއްލައަށް ނުކުމެގެން ގޮސް މޫދަށް އެރުމުން ކަމަށެވެ. މިއީ މިއަދު މެންދުރު 1:30 ހާއިރު ހިނގި ހާދިސާއެއް ކަމަށްވެސް ވިދާޅުވިއެވެ.
"ކުއްޖާގެ މަންމަ އެ ކުއްޖާއަށް ކާންދީ ނިންމާފައި، ގޭގެ ތަނެއްގައި ބައިންދާފައި ތަށި ބަހައްޓަންވެގެން ބަދިގެއަށް ގޮސް އައިއިރު ކުއްޖާ ފެންނާކަށް ނެތް. ދެން ހޯދަމުން ދަނިކޮށް އޭގެ 20 ވަރަކަށް މިނިޓު ފަހުން ފެނުނީ މޫދު އަޑީގަ އޮއްވައި،" އޭނާ ވިދާޅުވިއެވެ.
ޝަލީޒް ވިދާޅުވީ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.
ފުލުހުން ބުނީ ގުރައިދޫން ކުޑަކުއްޖަކު ގެއްލިގެން މިއަދު މެންދުރު 1:16 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކުއްޖާ ފެނުނީ އެ ރަށުގެ ފަޅުތެރެއިން ކަމަށެވެ. އަދި އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަތާ އިރުކޮޅެއް ތެރޭގައި ކުއްޖާ މަރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.