Close
ކުޅިވަރު

8 ވިކެޓުން ސްކޮޓްލޭންޑް ބަލިކޮށް އިންޑިއާއިން ސެމީގެ އުންމީދު ދަމަހައްޓައިފި

މުޙައްމަދު ޝަމްޢޫން

ޔޫއޭއީގައި މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގެ ގަދަ 12ގައި އިންޑިއާއިން ރޭ ކުޅުނު މެޗުގައި ސްކޮޓްލޭންޑް ބަލިކޮށް، ފައިނަލްގެ އުންމީދު ދަމަހައްޓައިފިއެވެ.

އިންޑިއާއިން ރޭ ދުބާއީގައި ކުޅުނު މެޗުގައި ސްކޮޓްލޭންޑުގެ މައްޗަށް ކުރި ހޯދީ އަށް ވިކެޓުންނެވެ. ރޭގެ މެޗުން ހޯދި ތަފާތު ބޮޑު ނަތީޖާއާއެކު އިންޑިއާ ވަނީ ރަން ރޭޓް ވަރަށް ބޮޑުތަނުން ރަނގަޅު ކޮށްފައެވެ. ގްރޫޕް ދޭއްގެ އަފްގާނިސްތާނާއި ނިއު ޒީލޭންޑް އަދި އިންޑިއާވެސް ޕޮއިންޓުގެ ގޮތުން ދާދި ހަމަހަމަ ކޮށް ފެންނައިރު، ރަން ރޭޓުގެ މައްޗަށް ސެމީގެ ޖާގަ ބަރޯސާވުން ގާތެވެ.

ގްރޫޕް ދެއަކުން ޕާކިސްތާނު ސެމީ ޔަގީން ކޮށްފައިވާއިރު، ބާކީ ދެން އޮތް ޖާގައަށް ވާދަކުރަނީ އިންޑިއާ އާއި އަފްގާނިސްތާން އަދި ނިއު ޒީލޭންޑެވެ. ނިއު ޒީލޭންޑް މި ވަގުތު އޮތީ އިންޑިއާ އާއި އަފްގާނިސްތާނަށްވުރެ ދެ ޕޮއިންޓް ކުރީގައި ދެވަނައިގައެވެ. އިންޑިއާއަށް އަމިއްލަ ބާރުގައި ސެމީއަށް ދެވެން އަދިވެސް އޮތީ އުނދަގޫ މަގެކެވެ. ހޯމަ ދުވަހު ނަމީބިއާއާ ދެކޮޅަށް ކުޅޭ މެޗުން އިންޑިއާ މޮޅުވި ނަމަވެސް ސެމީ އަށް ދެވެން އޮތީ ގުރޫޕްގައި އާދިއްތަ ދުވަހު އަފްގާނިސްތާނާ ދެކޮޅަށް ނިއު ޒީލޭންޑް ކުޅޭ މެޗުން ނިއު ޒީލޭންޑް ބަލިވެއްޖެ ނަމައެވެ.

ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އިންޑިއާއިން އެރީ ފީލްޑިން އަށެވެ. މޮޅަށް އުކައި އިންޑިއާއިން 17.4 އޯވަރުގެ ތެރޭގައި ސްކޮޓްލޭންޑުގެ ހުރިހާ ކުޅުންތެރިން ނުބައި ކުރިއެވެ. އޭރު ސްކޮޓްލޭންޑަށް ހެދިފައި ވަނީ 85 ލަނޑެވެ. މެޗުގައި އިންޑިއާގެ މުހައްމަދު ޝާމީ އާއި ރަަވިންދުރާ ޖަދޭޖާ ވަނީ ކޮންމެ ކުޅުންތެރިޔަކު ތިން ވިކެޓު ނަގައިފައެވެ. ޝާމީ ނެގި ތިން ވިކެޓަކީ އެއް އޯވަރެއްގައި، ޖެހިޖެހިގެން ނެގި ތިން ވިކެޓުކަން ފާހަގަކޮށްލެވެއެވެ.

ޖަވާބުގައި އިންޑިއާ އިން ކުޅެން އަރައި ދެ ވިކެޓަށް 89 ލަނޑު ހެދީ އެންމެ 6.3 އޯވަރުގެ ތެރޭގައެވެ. އިންޑިއާގެ ކޭއެލް ރާހޫލް 18 ބޯޅައިން 50 ލަނޑު ހެދިއިރު، މުބާރާތުގައި އެންމެ ފަހުން ދެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރޯހިތު ޝަރްމާ ވަނީ 16 ބޯޅައިން 30 ލަނޑު ހަދައިފައެވެ.

މުބާރާތުގެ ގަދަ 12 ގެ ގްރޫޕް ދޭއްގައި އިއްޔެ ނިއު ޒީލޭންޑުން ނަމީބިއާ ބަލިކުރީ 52 ލަނޑުންނެވެ. މިއަދު އޮންނާނީ ގްރޫޕް އެކެއްގެ ދެމެޗެވެ. އޮސްޓްރޭލިއާއިން ވެސްޓް އިންޑީސްއާ ދެކޮޅަށް ނުކުންނަ އިރު، އިންގްލެންޑުން ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.