އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް މުނޫ މަހާވަރު މިއަދު އައްޔަންކޮށްފިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް މަހާވަރު އިއްޔެ އައްޔަން ކުރެއްވީ އެ ގައުމުގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު އެރުއްވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދެވެ.

މުނޫ މަހާވަރު މީގެ ކުރިން ހުންނެވީ އިންޑިއާއިން އޮމާނަށް ކަނޑައެޅި ސަފީރުގެ މަގާމުގައެވެ.

އިންޑިއާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައެޅީ އެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރު އިންޑިއާ އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރަން ނިންމުމުންނެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވީ، 5 މާޗު 2019 ގައެވެ.

ކުރީ ސަރުކާރުން ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ނަމަވެސް މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.