ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ އަމްނުއަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނުތަކުގެ ދަށުން، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އިސްލާމް ދީނަށާއި އިސްލާމީ ޝިއާރުތަކަށް ޖޯކު ޖަހައި ދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާ މެދު ޝައްކު އުފެއްދުން ފަދަ ކުށްވެރި އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
"އިސްލާމް ދީނުގެ މަތިވެރި ނިއުމަތް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މިއަދު ދުނިޔެ ހޯދާފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ރަށްވެހިކަމުގެ ސަބަބުން އިންސާނާގެ ހަޔާތަށް މާއްދީ ގިނަގުނަ ފާގަތިކަމާއި އަރާމުތައް ލިބެމުން ދިޔަނަމަވެސް އިސްލާމް ދީނުގެ އިލްމާ ދުރުވެއްޖެނަމަ އޭނާއަށް ބޭނުންވާ ރޫހާނީ ކާނާތައް ދާނީ މަދުވަމުން ފަގީރުވަމުން ކަމަށެވެ.
އަދި މާތް ﷲ ރާއްޖެއަށް އިސްލާމީ ނޫރުގެ އަލިކަން މިންވަރު ކުރެއްވުމުގެ މަތިވެރި ނިއުމަތަށް ޝުކުރުވެރިވުމަކީ އެންމެންގެ ވާޖިބެއް ކަމަށެވެ. އަދި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ މި ލޮބުވެތި ވަތަނުގައި އެދީނުގެ ޝިއާރުތައް ފާޅުކޮށް ދަމަހައްޓަން މަސައްކަތް ކުރުން ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީއާއި ސައްތައިން ސައްތަ ސުންނީ ގައުމަކަށްވާތީ އެކަމާވެސް ހަސަދަވެރިވާ ބަޔަކު އުޅޭ ކަމަށެވެ. އަދި މިހާރަކަށް އައިސް މި ގައުމުގެ ބައެއް މީހުންގެ ފުށުން މީހުންގެ މުދަލަށް ގެންލުންދިނުމާއި މީހުން މެރުމާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލުމާއި ދީނާމެދު ނަފުރަތު އުފެއްދުމުގެ އަމަލުތައް ފަދަ އިސްލާމް ދީނާ ދެކޮޅު އަމަލުތައް ފެންނަ ކަމަށް ބުންޏެވެ.
އަދި އެއީ އިސްލާމް ދީނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް ކަމަށާއި ކިތަންމެ މަދުން ނަމަވެސް، ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކު އުޅޭ ކަމީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ވަނީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ އަމްނުއަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނުތަކުގެ ދަށުން، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އިސްލާމް ދީނަށާއި އިސްލާމީ ޝިއާރުތަކަށް ޖޯކު ޖަހައި ދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާ މެދު ޝައްކު އުފެއްދުން ފަދަ ކުށްވެރި އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ފިޔަވަޅު އަޅައި، އެފަރާތްތަކުގެ ގާނީ ޒިންމާ އަދާކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު