އަންނަ ހޯމަ ދުވަހު މިނިމަމް ވޭޖް ނުވަތަ މަސައްކަތްތެރީންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، ކަނޑައަޅައި އިއުލާން ކުރާނެކަން ކަށަވަރުވެއްޖެއެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދުތައް ބަޔާންކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އެ ބޯޑުގެ ލަފާ އަރުވައިފައެވެ.

"ވަން" އަށް ޔަގީންވެފައިވާ ގޮތުގައި އަންނަ ހޯމަ ދުވަހު މިނިމަމް ވޭޖް ކަނޑައަޅައި އިއުލާނު ކުރުމަށް މިނިސްޓަރު ފައްޔާޒް ވަނީ ނިންމަވައިފައެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީން އަންނަނީ ވަމުންނެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދިން ލަފާތަކަށް ބައެއް ބަދަލުތައް ގެންނަން މިނިސްޓަރު ފައްޔާޒް ވަނީ ނިންމަވައިފައެވެ. އެގޮތަށް މިނިސްޓަރު ނިންމަވާފައިވަނީ ވޭޖް ބޯޑުގެ ލަފަޔާ އެއްގޮތަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެއީ ކޮން ބަދަލުތަކެއް ކަމެއް ސާފެއް ނުވެއެވެ.

މިނިމަން ވޭޖު ބޯޑުން މިދިޔަ މަހު ދިން ލަފާގައިވަނީ ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރުގެ މިނިމަމް ވޭޖް މައިގަނޑު ހަތަރު ދާއިރާއަކުން ކަނޑައަޅައިފައެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ލަފާގައިވަނީ ޕްރައިވެޓް ސެކްޓާގެ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 5,000 ރުފިޔާ ދިނުމަށެވެ. އަދި ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށް އެ ލަފާގައިވެއެވެ.

ޕްރައިވެޓް ސެކްޓާގެ ކުދި އަދި މެދު ފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް ދޭން ލަފާ އަރުވާފައިވަނީ، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 8,000 ރުފިޔާއެވެ.

ޕަބްލިކް ސެކްޓާގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށްވެސް ލަފާގައިވެއެވެ.

ދިވެހީންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދުތައް ނިންމައި، މިނިސްޓަރަށް ލަފާ ދޭން ނިންމާފައިވީ ނަމަވެސް، ބިދޭސީންނަށް އެންމެ ދަށް އުޖޫރަ އަދި ކަނޑައަޅައިފައެއް ނުވެއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.