ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވެސްޓް އޭޕްރަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓުގެ އޭޕްރަން ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ވެސްޓް އޭޕްރަންގެ 35،000 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މިއަދު ހުޅުވި ވެސްޓް އޭޕްރަންއާ އެކު މުޅި އޭޕްރަން މިހާރު ވަނީ އެއްކޮށް ރަސްމީކޮށް ހުޅުވައިފައެވެ.
ވެސްޓް އޭޕްރަން ހުޅުވާފައިވަނީ މިއަދު ހަވީރު އެ އޭޕްރަންއަށް ޖެއްސި މޯލްޑިވިއަންގެ އެއާބަސް އޭ320 ފްލައިޓާއެކުއެވެ. ކޮޗިންއިން މާލެ އައި މި ފްލައިޓަށް ވީއައިއޭއިން ވަނީ ވޯޓާ ސެލިއުޓް އަރުވައިފައެވެ.
އޭޕްރަން ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން ސްޓުވާޓް އާއި އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ގޯޑަން ސްޓުވާޓް ވިދާޅުވީ މި އޭޕްރަން ހުޅުވުމާއެކު ހިދުމަތް ދިނުމުގައި ވަގުތު ސަލާމަތްވެ، ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އޭޕްރަންގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތުގެ ފެންވަރުވެސް ރަނގަޅުވެގެންދާނެ ކަމަށެވެ.
ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ކަމަށްވާތީ، އެއާޕޯޓަށް ބޭނުންވާނެ ސާމާނު ހޯދުމުގެ މަސައްކަތާއި އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އެ އޭޕްރަންގައި ކޯޑް ސީގެ ނުވަ އެއާ ކްރާފްޓު އެއްފަހަރާ ޖެއްސޭނެއެވެ. އަދި އެ އޭޕްރަންގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓުތައް ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެއާޕޯޓުގެ އޭޕްރަން ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީޔޫސީޖީން ތަރައްގީ ކުރި ސައުތު ވެސްޓް އެޕްރަން ވަނީ ހުޅުވައިފައެވެ. ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގައި ހުންނަ ގޮތަށް، ޒަމާނީ ފެންވަރަށް ހަދާފައިވާ އެ އާ އޭޕްރަންގައި ދެ ސައިޒެއްގެ މަތިންދާ ބޯޓު ޕާކު ކުރެވޭނެއެވެ. އެ ސަރަހައްދުގައި 70،000 އަކަ މީޓަރުގެ ޕާކިން ޖާގަ ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު