އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަ ޕްރައިސަސްއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޖޫރިމަނާގެ ގޮތުގައި 138 މިލިއަން ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2008 ވަނަ އަހަރު އެމްޕީއެލުން ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން ޓަގު ބޯޓެއް ބަނުމުގެ މަސައްކަތް ކުރުވުމަށްފަހު، އެ ޓަގު ބޯޓުގެ އަގު ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 138 މިލިއަން ރުފިޔާ ދެއްކުމަށެވެ.
އެމްޕީއެލުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ މާޗު މަހު ހުކުމްކުރީ ސިވިލް ކޯޓުން ކުރި ހުކުމް ޝަރުއީ ގޮތުންނާއި ގާނޫނީގޮތުން ރަނގަޅު ނުވުމުގެ ސަބަބުން ބާތިލުކުރުމަށެވެ.
ހައި ކޯޓުގެ އެ ހުކުމް ސެންޓަ އެންޓަ ޕްރައިސަސްގެ ފަރާތުން ވަނީ ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިއަދު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، އެމްޕީއެލް އާއި ސެންޓަ އެންޓަ ޕްރައިސަސްއާ ދެމެދު ހެދި އެއްބަސްވުން އޮތް ގޮތުން ފައިސާ ނުދެއްކިޔަސް، ޖޫރިމަނާ ނެގޭނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ނެތް ކަމަށެވެ. އެއްބަސްވުމުގައި ޖޫރިމަނާގެ ވާހަކަ ބަޔާން ނުކޮށް ސެންޓަ އެންޓަ ޕްރައިސަސްއިން ފޮނުވި އިންވޮއިސްއެއްގައި ޖޫރިމަނާގެ ވާހަކަ ހިމެނުމަކީ އެމްޕީއެލުން ޖޫރިމަނާގެ ފައިސާ ދައްކަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އެއްބަސްވުން ސައްހަވާނީ ދެ ފަރާތުން ރުހުން އޮންނަ ގޮތަށް އެއްބަސްވުމަށް އެކުލަވައިލުމުން ކަމަށާއި ޖޫރިމަނާގެ ވާހަކަ އެއްބަސްވުމުގައި ބަޔާންނުކޮށް އިންވޮއިސްގައި ޖޫރިމަނާ ނެގޭނެ ކަމަށް ބުނެފައި އޮންނަ އޮތުމަކީ ޖޫރިމަނާއަށް އަނެއް ފަރާތުން އެއްބަަސްވުން ކަމަށް ނުބެލެވޭނެ ކަމަށް ހުކުމުގައިވެއެވެ. އަދި އެގޮތަށް ޖޫރިމަނާ ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތަސް، އެ ނިންމުންތަކާ މިހާރު ދުރަށް ދާން ޖެހޭ ކަމަށް ވެސް ހުކުމުގައި ބުންޏެވެ.
މީގެ އިތުރުން ހުކުމުގައި ބުނީ، އެއްބަސްވުމުގައި ޖޫރިމަނާ ހިމަނާފައިވިޔަސް ޖޫރިމަނާގެ ފައިސާ ނަގައިދެވޭނީ އެކަށީގެންވާ އަދަދެއްގެ ޖޫރިމަނާގެ ފައިސާ ނަގައިދޭން އެދުމުން ކަމަށް މީގެ ކުރިން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ. ސެންޓަ އެންޓަ ޕްރައިސަސްއިން އެމްޕީއެލްއަށް ފޮނުވި އިންވޮއިސްގައި ވަނީ ޓަގު ބޯޓުގެ މަސައްކަތުގެ އަގަށް ވުރެ ހަތަރު ގުނަ ބޮޑު އަގެއް ކަމަށްވުމުން ޖޫރިމަނާގެ ފައިސާ ނަގައި ނުދެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިގާގުން ކުރި ހުކުމުގައިވެއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމު އަދި ފަނޑިޔާރު ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު