ރ. އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ މިއަދު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން އުނގޫފާރު މަގުތަކުގައި ތާރު އަޅައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރުން ހިމެނެއެވެ.

ޖުމުލަ 21.7 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެއް އަހަރު ދުވަސްތެރޭގައި ނިންމައި ހަވާލުކުރަން ޖެހެއެވެ.

މިދިޔަ މަހުގެ ތެރޭގައި އެމްޓީީސީސީން ވަނީ އުނގޫފާރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފައެވެ.