ޚަބަރު

އާގިލް މަރާލިކަމަށް ތުހުމަތުކުރެވޭ ހަމްދޫނު އަތުގައި ވަޅިއެއް އޮތްތަން ފެނުނު: ހެކިވެރިޔާ

މުހައްމަދު އިޝާން

ދެހާސް އަށާރަ ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ވަޅިން ހަމަލާދީ މަރާލި އިބްރާހީމް އާގިލު (19އ)ގެ ގަޔަށް ވަޅި ޖެހި ކަމަށް ތުހުމަތުވާ ހަމްދޫން ހަމްޒަތުގެ އަތުގައި ވަޅިއެއް އޮތްތަން ފެނުނު ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި ހެކިވެރިޔަކު ބުނެފިއެވެ.

އާގިލުގެ މަރުގެ މައްސަލައިގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެއެވެ.

އެ މައްސަލައިގެ މިއަދު އޮތް އަޑުއެހުމަކީ ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމުގެ ބައެވެ. ދައުލަތުން މިއަދު ވަނީ ދެ ހެކިވެރިއެއް ހުށަހަޅައިފައެވެ. އެއީ ދެ ފުލުހުންނެވެ.

އެގޮތުން ދައުލަތުން ހުށަހެޅި އެއް ހެއްކަކީ މައްސަލައިގެ ތަހުގީގަށް ހޯދި ސީސީޓީވީ ފޫޓޭޖެއްގެ އެނަލިސިސް ރިޕޯޓު ސާބިތުކުރުމަށް ހުށަހެޅި ފުލުހުންގެ ފޮރެންސިކް އޮފިސަރެކެވެ. އެ އޮފިސަރު ހެކިބަސް ދިނުމުން ދިފާއުން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ތެރެއިން އޮފިސަރު ވަނީ އާގިލުގެ ގާތިލު ކަމަށް ތުހުމަތު ކުރާ ހަމްދޫނުގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފޫޓޭޖު ތަފްސީލުކޮށްދީފައެވެ.

ސީސީޓީވީ ފޫޓޭޖު އެނަލިސިސް ކޮށްދެމުން އޮފިސަރު ބުނީ، ހަމްޒާ އާއި އެހެން މީހަކު އެރޭ ހަރަކާތްތެރިވަމުން ދިޔަ އިރު، އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ސީސީޓީވީ ފުޓޭޖުތަކުން ސާފުވާ ކަމަށެވެ. އަދި ވަޅި ހިފައިގެން އާގިލު ފަހަތުން އޭނާ ދުވި މަންޒަރާއި، ވަޅިޖެހުމާއެކު އާގިލު ވެއްޓުނު މަންޒަރާއި، އެވަގުތު ހަމްދޫނު މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ވިލިމާލެ ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ އަދި ފޮޓޯގެ ތިން ހެކީީގެ ތެރެއިން ފުރަތަމަ ފުޓޭޖުގައި ހަމްދޫނުއާ އެއްގޮތް ފަސް ސިފައެއް ފެންނަ ކަމަށާއި، ސައިކަލަށް އަރައިގެން ދާ މަންޒަރު ދައްކުވައިދޭ ދެވަނަ ވީޑިއޯގައި އޭނާއާ އެއްގޮތްކަން ރަމްޒުކޮށްދޭ ތިން ސިފައެއް ފެނުނު ކަމަށެވެ. ހަމްދޫނު ސައިކަލުގައި ގެންދިޔައީ އާގިލު މަރާލުމުގައި އެހީވި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ވިޝާމު ކަމަށާއި އެއީ އޭނާކަން ކަށަަވަރުވަނީ އެއްގޮތް ކަމަށް ބެލެވޭ ހަތް ސިފައެއް ފެނުމުން ކަމަށެވެ.

ދެން ހުށަހަޅާފައި ވަނީ، ޑީއެންއޭ ރިޕޯޓު ސާބިތުކުރުމަށް އެ ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ. ހެކިބަސް ދެމުން އޭނާ ބުނީ، ތުހުމަތުކުރެވޭ ހަމްދޫނުގެ ހެދުމުގައި ހޭކިފައި ހުރި ލެއިން އާގިލުގެ ޑީއެންއޭ ލިބިފައިވާ ކަމަށެވެ. ނަމަވެސް އާގިލު މަރާލުމަށް އެހީވި ކަމުގެ ދައުވާ ލިބޭ ވިޝާމުގެ ޑީއެންއޭ ފެނިފައިނުވާ ކަމަށެވެ.

ދިފާއުން އެ ހެކިވެރިޔާއާ ސުވާލުކުރަމުން ވަނީ ޗެއިން އޮފް ކަސްޓަޑީ ފޯމުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފައެވެ. އެއީ އެ ފޯމުގައި އެއްވެސް މީހެއްގެ ސޮއި ނެތުމުންނެވެ. އެކަމާ ގުޅިގެން ހެކިވެރިޔާ ބުނީ، އެ ފޯމަކީ އޮންލައިންކޮށް ލިބުނު ފޯމެއް ކަމަށާއި އާންމުކޮށް ފޯމު ބަލައިގަންނަ އިރު، ސޮއިކޮށް އުޅެނީ ފިޒިކަލީ ހުށަހެޅޭ ކަރުދާސްތަކުގައި އެކަނި ކަމަށެވެ.

ހެކިވެރިޔާގެ އެ ވާހަކަތަކާ ގުޅިގެން އިތުރު ސުވާލެއް ކުރަން ދިފާއު އުޅުމުން ދައުލަތުން ވަނީ އިތުރު ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތަށް ވިދާޅުވީ، މިއަދު ކުރިއަށް ދަނީ ހެކި ހުށަހެޅުމުގެ މަރުހަލާ ކަމަށްވުމުން ހެއްކާ ބެހޭގޮތުން ސުވާލު ނުކުރެވޭނެތީއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ އަޑުއެހުން ކަމަށާއި އެ އަޑުއެހުމުގައި ހެއްކާ ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ދިފާއަށް ލިބޭނެ ކަމަށެވެ.

ވަޅިން ހަމަލާދީ އާގިލު މަރާލާފައިވަނީ މޯލްޑިވްސް މަނިޓަރީ ފަންޑު (އެމްއެމްއޭ) ކައިރިންނެވެ. އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ އޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.