ރާއްޖޭގެ އާބާދީއަށް ބަލައި އިރު، ތަފާތު ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލުކަމާއި ފުދުންތެރިކަން އެބަހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ލޯފަން ކުދިންގެ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން މާލޭގައި ކުރިއަށްގެންދިޔަ އެ ސޮސައިޓީގެ އަހަރީ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލުކަމާއި ފުދުންތެރިކަން އެބަހުރި ކަމަށާއި ބޭނުންވަނީ އެކަންކަން ރަނގަޅަށް ތަރުތީބު ކޮށްގެން ހިންގުން ކަމަށެވެ. އަދި އެކުދިންނަށްޓަކައި ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމުރީނާއި ހުނަރު ދީގެން، މުޖުތަމައަށް ބޭނުން ހިފޭނެ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިސްނަގައިގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ތަރުތީބުވެގެން، ހާއްސަކޮށް ޔޫތް މިނިސްޓްރީން އެ މަސައްކަތައް އިތުރަށް ސަމާލުކަމެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަދި އެ މަސައްކަތުގައި ސަރުކާރުގެ ހުރިހާ މުވައްސަސާތައް ބައިވެރިވެ މަދަނީ ޖަމިއްޔާ ޖަމާއަތްތައް ބައިވެރިކޮށް ހުރިހާ ކުދިންނަކީ އުފާވެރި ހިތްހަމަޖެހޭ ހަޔާތެއް ވޭތުކޮށް އަދި މުޖުތަމުގައި އެކުދިންނަށް ފުރިހަމަ ދައުރަކާއި ފުރިހަމަ މަގާމެއް ލިބިގެންވާ ބަޔަކަށް ހަދައިދިނުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުޖުތަމައުގެ ތެރޭގައި ދިރިއުޅޭ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރިހަމަ އަޅާލުމާއި އުފާވެރިކަން ލިއްބައި ނުދެވޭ މުޖުތަމައަކީ ވަރަށް ބަދުނަސީބު، އަބާއްޖަވެރި މުޖުތަމައެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، މުޖުތަމައެއްގެ ބަދަހިކަމާ އުފާވެރިކަމާއި ދުޅަހެޔޮކަން ވަޒަންކުރުމުގެ އެންމެ މުހިންމު މިންގަނޑަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެހެން އަފްރާދުންނާ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މުޖުތަމައަކުން ލިއްބައިދޭ އެހީތެރިކަމާއި އޯގާވެރިކަމާއި އުފާވެރިކަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު