ދުނިޔެ

ޔޫކްރޭންގައި ކޮވިޑް ވެކްސިނާ ދެކޮޅަށް އެތައް ބަޔަކު މުޒާހަރާކޮށްފި

ޔޫކްރޭންގައި ކޮވިޑް ވެކްސިނާ ދެކޮޅަށް އެތައް ބަޔަކު މުޒާހަރާކޮށްފިއެވެ.

ޔޫކްރޭންގެ ވެރި ރަށް ކިއެވްގައި އެތައްހާސް ބަޔަކު އިއްޔެ މަގުތައް މައްޗަށް ނުކުމެ މުޒާހަރާކޮށްފައިވަނީ އެގައުމުގައި ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން ފިޔަވަޅުތައް ވަރުގަދަކޮށް ވެކްސިން ޖެހުމަށް ބާރު އެޅުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެގައުމުގައި މިފަހަކަށް އައިސް ކޮވިޑް ކޭސްތަކުގެ އަދަދު މަތިވެ ބަލީގައި މަރުވާ މީހުންގެ އަދަދު މައްޗަށް ގޮސްފައިވާއިރު ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ އެންމެ 20 ޕަސެންޓް މީހުންނެވެ.

މަޖިލިސްކުރާ އިމާރާތްދޮށަށް އާއްމުންގެ ގިނަބަޔަކު އެއްވެ ކުރަމުންދިޔަ މުޒާހަރާގެ ސަބަބުން އެސިޓީގެ ޓްރެފިކަށް ވަނީ ބުރޫ އަރާފައެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި މުޒާހަރާގެ ބައިވެރިންވަނީ ވެކްސިނަށް ނޫނެކޭ ބުނެ ތައްޔާރުކޮށްފައިވާ ބޯޑުތައް ހިފައިގެން އަޑުގަދަކޮށްފައެވެ. އަދި ކޮވިޑަށް ތަޖުރިބާކުރުމުގެ އުކުޅަކަށް ރައްޔިތުން ބޭނުން ނުކުރުމަށާއި ދަރީން ހިމާޔަތްކޮށްދިނުމަށް އެދި މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

''އަހަރެން ބޭނުމެއް ނޫން އަވަސް އަރުވާލައިގެން އިމަޖެންސީގައި ބޭނުން ކުރަން އުފެއްދި ވެކްސިނެއް އަހަރެން ގަޔަށް ޖަހާކަށް'' މުޒާހަރާކުރަމުންދިޔަ 62 އަހަރުގެ ނަޓާލިޔާ ގޮލުބްސޮވާ ކިޔާ މީހަކު އޭއެފްޕީއަށް ބުނެފައިވެއެވެ. އިތުރު ބައިވެރިއެއް ކަމަށްވާ އުމުރުން 50 އަހަރުގެ އޮލީނާ މަކޮވީކް ސިފަކުރާ ގޮތުގައި ކޮވިޑް ވެކްސިން އަކީ މެޑިކަލް އެކްސްޕެރިމެންޓެކެވެ. ''އަހަރެމެންނަކީ ހަކުރުގެ އަވައިގައި ޖެހިފަ ތިބި ބައެއް ނޫން، ކޮންމެ 6 މަހަކުން ގަޔަށް ކަށި ހަރަން ދޭން'' ކަންމަތީ ފިހާރައެއް ހިންގަމުން އަންނަ މީހަކު ބުނެފައިވެއެވެ.

މި މުޒާހަރާ ހިނގަމުންދިޔަ އިރު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވިނަމަވެސް ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައެއް ނުވެއެވެ. ޔުކްރެއިންގައި ކޮވިޑު ޖެހިގެން އިއްޔެ އެކަނި ވެސް 720 މީހުން މަރުވެފައިވާއިރު މިއީ އެމެރިކާ އަދި ރަޝިއާ އާ ޖެހިގެން އެންމެ ގިނަ އަދަދަކަށް ދުވާލެއްގެ މައްޗަށް މިބަލީގައި މީހުން މަރުވެފައިވާ އަދަދެވެ. އެގައުމުގައި ކޮންމެ ދުވަހަކު ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު މިދިޔަ ހަފުތާގައި 26،870 އަށް އަރާފައިވާއިރު ބުދަދުވަހުގެ ނިޔަލަށް ވަނީ އިތުރު 23،000 ކޭސް ފެނިފައެވެ.

ޔުކްރެއިންގައި ވެކްސިން ފޯރުކޮށްދިނުމުގައި ކުރީކޮޅު ދަތިތަކެއް އުޅުނު ނަމަވެސް މިހާރު އެގައުމުގައިވަނީ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. ނަމަވެސް ކޮވިޑަށް ރައްޔިތުން އަހުލުވެރިކުރުވުމުގައި އެގައުމުގައި އަންނަނީ ދަތިތަކާ ކުރިމަތިލަމުންނެވެ.

ކޮވިޑުގެ އަދަދުތައް މަތިވާން ފަށާފައިވާއިރު އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހާލަތު ގޯސްވެފައިވާ ސިޓީތަކުގެ އާއްމު ތަންތަނަށް ވެކްސިން ނުޖަހާ މީހުން ވަނުން ވަނީ މަނާކުރެވިފައެވެ. އޭގެ ސަބަބުން ބައެއް މީހުން ވެކްސިން ޖަހާ މަރުކަޒުތަކަށް ގޮސްފައިވާއިރު ދުވާލެއްގެ މައްޗަށް ވެކްސިން ޖަހާ މީހުންގެ އަދަދު އުޅެނީ 250،000 ގައެވެ.

މިހާތަނަށް އެގައުމުގައި 2.9 މިލިއަން ކޮވިޑް ކޭސް ފެނިފައިވާއިރު އެބަލީގައި 69،000 މީހުން ވަނީ މަރުވެފައެވެ.