ސާފް ޗެމްޕިއަންޝިޕްގައި ލިބުނު އަނިޔާގެ ސަބަބުން ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލަށް ސްރީ ލަންކާގެ މަހިންދުރަ ރާޖަޕަކްސާ ފޯ ނޭޝަންސް ކަޕް ގެއްލިއްޖެއެވެ.

އަނިޔާއިން ރަނގަޅުވުމަށް ރިހެބްލިޓޭޝަންގެ މަސައްކަތް މިހާރު ފައިސަލް ކުރަމުން އަންނަ އިރު، އޭނާ މަސައްކަތް ކުރަމުން އަންނަނީ ކުޅުންތެރިންގެ ފިޓްނަސް ކަންކަމުގައި އެފްއޭއެމްއާއެކު މަސައްކަތްކުރަމުން އަންނަ ޕާސަނަލް ޓްރެއިނަރު އަދި ކުރީގެ ޓީޓީ ޗެމްޕިއަން މުއީނާ މުހައްމަދާ އެކުގައެވެ. ފައިސަލްގެ ފައިގެ ފަލަ މަސްގަނޑަށް އަނިޔާވީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ވާދަކުރި މެޗުގައެވެ.

އެ މެޗުގައި ފައިސަލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބާލަންވެސް ޖެހިފައިވެއެވެ. އެހެން ނަމަވެސް މެޗަށްފަހު ސްކޭންތައް ހަދައި، ޓްރެއިނަރުން ބުނީ ފައިސަލް ފިޓް ކަމަށެވެ. 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ނެގި އިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ފިޓް ކަމަށް ޓްރެއިނަރުން ބުނުމުން އިންޑިއާ މެޗުގައި އޭނާ ކުޅެން ނުކުތް ނަމަވެސް ފެނުނީ "މުޅިން ފިޓް ކޮށް ނޫން،" ކަމަށް އޭރުގެ ކޯޗު، މިހާރުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން ވަނީ މެޗަށްފަހު ބުނެފައެވެ.

"ފައިސަލްވެސް ދެ ގޯލުގައި ފެނުނީ އެންމެ "ޕީކު"ގައި ހުރި ފައިސަލްއެއް ނޫން. ވެދާނެ އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ކޮންފިޑެންސަށް އަސަރުކުރީ ކަމަށްވެސް. އެހެން ނަމަވެސް ގޯލްކީޕަރުގެ ކަންކަން ނިންމާނީ އަޅުގަނޑެއް ނޫން. ފިޓްނަސްއާ ދޭތެރޭ ޝައްކެއް ނެތް. ނޫނިއްޔާ ވެދާނެ މެޗަށް އަރާފައި އޭނާގެ ވިސްނުން ތަފާތު ގޮތަކަށް ހުރި ކަމަށްވެސް،" އެރޭގެ މެޗަށްފަހު ކޯޗު ސުޒޭން ބުންޏެވެ.

ގައުމީ ޓީމުގެ ޓްރެއިނިންގައި މިވަގުތު ފަސް ކީޕަރުން ބައިވެރިވެއެވެ. އެއީ މިދިޔަ އަހަރު ކްލަބް ވެލެންސިއާއަށް ކުޅުނު މުހައްމަދު ޝަފީއު (ޗެކް)، ދަ ގްރާންޑޭގެ އިޔާން އަބްދުލް އަލީމް (ޗިކީ)، ވެލެންސިއާގެ ހަސަން ތޮލާލް (ޓޮޕްލަކް)، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި 23 އަހަރުން ދަށުގެ ޓީމުގެ ކީޕަރު، އަލީ ނާޖިހު (ނާޖީ) އަދި 19 އަހަރުން ދަށުގެ ޓީމުގެ ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ. އޭގެ ތެރެއިން މުބާރާތަށް އިއުލާން ކުރާ ފައިނަލް ސްކޮޑުގައި ހިމަނާނީ ތިން ގޯލްކީޕަރުންނެވެ.

ގައުމީ ޓީމުގެ ސްކޮޑު ފައިނަލްކޮށް، މާދަމާ ޓީމު ލަންކާއަށް ފުރާނެ ކަމަށް ހަބަރުތައް ބުނެފައިވެއެވެ.