ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވާ, މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 މަސްތުގެ ހާލަތުގައި ހުރެ މަގުމަތިންދާ މީހުންނަށް އުނދަގޫ ކުރާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ހަސަން ޒިޔާދު އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔައީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. އެފަހަރު އޭނާ ކޯޓުގައި ބުނެފައި ވަނީ، އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އޭނާގެ ނަފުސާނީ ބައްޔެއް ހުރިތޯ ބަލަމުން އަންނަ ކަމަށާއި ހަސަން ޒިޔާދުގެ އާއިލާ އިން އެކަމަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.

އޭގެ ފަހުން އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވައި އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ މަސްތުގެ ހާލަތުގައި ހުރެ މަގުމަތިންދާ މީހުންނަށް އުނދަގޫ ކުރާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާ ކަމެއް ސާފެއް ނުވެއެވެ.

ރޭގެ ވަގުތެއްގައި އޭނާ ވަނީ މަޖީދިއްޔާ ސްކޫލު ކައިރީ ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށް ކުޑަކަމުގޮސްފައެވެ. އޭނާ މިސްކިތުގެ ތެރެއަށް ކުޑަކަމު ދިއުމުން އެތަނުގައި ތިބި އާންމުން ވަނީ އޭނާ ހުއްޓުވައި ނަސޭހަތް ދީފައެވެ.