ފުޓްބޯޅަ

މަހުޖަނުންގެ ނިއުކާސަލްގެ ކޯޗަކަށް ދިއުން އެންމެ ގާތީ އެމެރީ!

ދާދި ފަހުން ސައުދީ އަރަބިއްޔާގެ ސޮވަރިން ފަންޑުން ގަނެފައިވާ ކްލަބު، ނިއުކާސަލްގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ދިއުން އެންމެ ގާތީ ކުރިން އާސެނަލަށް ކޯޗުކަން ކޮށްދިން އުނައި އެމެރީ ކަމަށް ހަބަރުތައް ބުނެފިއެވެ.

ނިއުކާސަލްގެ އާ ބޯޑުން ކްލަބާ ހަވާލުވި އިރު، އެ ކްލަބަށް އިރުޝާދު ދޭން ހުރީ ސްޓީވް ބްރޫސްއެވެ. އާ ބޯޑު ހަވާލުވި ފަހުން ކުޅުނު ދެ މެޗަށްފަހު ބްރޫސް މަގާމުން ވަކިކޮށް، އެޓީމުން އާ ކޯޗެއް ހޯދުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ނޫސްތަކުން ބުނެފައި ވަނީ ބްރައިޓަންއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން އެޓީމަށް އެމެރީ ގެންދަން ބޯޑުން މަސައްކަތް ކުރާ ކަމަށެވެ.

އުމުރުން 49 އަަހަރުގެ ކޯޗު އެމެރީ މިވަގުތު ހުރީ ސްޕެއިންގެ ވިލަރެއާލްގެ ކޯޗު ކަމުގައެވެ. އެ ކްލަބާއެކު އެމެރީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ގެ ނިޔަލަށެވެ. ޗެމްޕިއަންސް ލީގުގައި ވިލަރެއާލްއިން ރޭ ކުޅުނު މެޗުގެ ކުރިން ނިއުކާސަލްގެ ވާހަކަ ނޫސްވެރިޔަކު އެހުމުން އެމެރީ ބުނީ "ވާހަކަތަކެއް ކުރިއަށްދާ ކަމުގެ އެއްވެސް ތަފުސީލެއް އެނގިފައި ނުވާ،" ކަމަށެވެ.

ވިލަރެއާލްގެ ރައީސް ފެނާންޑޯ ރޮއިގް ވިދާޅުވީ އުންމީދަކީ ވިލަރެއާލްއާއެކު އެމެރީ ވެފައިވާ އެއްބަސްވުމުގައި އޮތް މުއްދަތަށް އޭނާ މަސައްކަތް ކުރުން ކަމަށާއި، އެހެން ދިމާލަކަށް އެމެރީގެ ވިސްނުން ނުގެންގުޅޭނެކަން ޔަގީން ކުރާ ކަމަށެވެ. އަދި އެހެން ނިންމުމަކަށް ދާ ނަމަވެސް އެމެރީ އެކަން ކުރާނީ ޕްރޮފެޝަނަލްކޮށް ކަމަށް ގަބޫލުކުރާ ކަމަށްވެސް ރޮއިގް ވިދާޅުވިއެވެ.

އެމެރީ ވަނީ ވިލަރެއާލްއާއެކު މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. ވިލަރެއާލަށް ކޯޗުކަން ކޮށްދިނުމުގެ ކުރިން އެމެރީ ވަނީ 18 މަސް ދުވަހުގެ މުއްދަތަކަށް އާސެނަލަށް ކޯޗުކަން ކޮށްދީފައެވެ. ނަތީޖާތައް ދަށްވެ އާސެނަލް ކޯޗުކަމުން އެފަހަރު އެމެރީ ވަކިކުރީ 2019 ވަނަ އަހަރު ނޮވެންބަރު މަހުގައެވެ.

އެމެރީއަކީ ކާމިޔާބު ކޯޗެކެވެ. 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް އޭނާ ސެވިއްޔާއަށް ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ނަގައިފައެވެ. އޭގެ ފަހުން ޕީއެސްޖީގައި ފްރާންސް ލީގު ނަގައި، ފްރެންޗު ކަޕްވެސް ނަގާފައިވެއެވެ.