ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ހައްގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ މިރޭ ކޮޕް 26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށާއި ދިވެހިން "ކްލައިމެޓް ރެފިއުޖީން"ނަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާ ނުލައި ދިވެހިންނަށް ވެސް ދިރިއުޅެން ހައްގު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހަންމަލު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށާއި ފާގަތިކަމަށް މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ. އަދި ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް ނިސްބަތުން މަދުކަމުގައިވީ ނަމަވެސް ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތްކޮށް، އެކަމަށް މީހުން އަހުލުވެރި ކުރުމުގައި އިސްނަގައި އެހެން ގައުމުތަކަށް ނަމޫނާ ދައްކަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް ޒީރޯ ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަޒުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެހެން ގައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަނީ ކީއްވެގެންތޯ ސުވާލުކުރައްވައިފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮޕް 26ގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަރޯސާވަމުންދާ ކަމަށާއި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ކޮޕް 26ގެ ބައްދަލުވުމުގައި ރަނގަޅަށް ގޮތް ނިންމެވުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ ކޮޕް 26ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެ ނަމަ، އިތުރު އެތައް ބިލިއަން މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އޭގެތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުން ހިމެނޭ ކަމަށެވެ.