ޑުބާއީގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ޕާކިސްތާނު ދަތުރުކޮށްފިއެވެ.
ޕާކިސްތާނުން ނުވަ އަހަރަށްފަހު ވޯލްޑް ކަޕުގެ ސެމީއަށް ދަތުރުކުރީ މިރޭ ޝެއިޚް ޒައިދު ސްޓޭޑިއަމްގައި ކުޅުނު ގަދަ 12 ގެ ގްރޫޕް ދޭއްގެ މެޗުގައި ނަމީބިއާ ބަލިކޮށްގެނެވެ. ޕާކިސްތާނުން ނަމީބިއާގެ މައްޗަށް މިރޭގެ މެޗުގައި ކުރި ހޯދީ 45 ލަނޑުންނެވެ.
މިއީ 2012 ވަނަ އަހަރު ލަންކާގައި އޮތް ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ފަހުން ޕާކިސްތާނުން މުބާރާތުގެ ސެމީއަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން 2010 ވަނަ އަހަރުވެސް ޕާކިސްތާނު ސެމީއަށް ގޮސްފައިވާ އިރު، 2009 ވަނަ އަހަރު އެޓީމުން ވޯލްޑް ކަޕް ކާމިޔާބުވެސް ކުރިއެވެ. އެ ކާމިޔާބީތައް ފަހަކަށް އައިސް ޕާކިސްތާނަށް ތަކުރާރުނުކުރެވި ދިޔަ އިރު، އެންމެފަހުން 2014، އަދި 2016 ވަނަ އަހަރުގެ ވޯލްޑް ކަޕުންވެސް ޕާކިސްތާނު ބޭރުވީ ދެވަނަ ބުރުންނެވެ.
މިހާތަނަށް މިއަހަރުގެ ވޯލްޑް ކަޕުގައި ޕާކިސްތާނުން ގްރޫޕް ދޭއްގައި ކުޅުނު ހަތަރު މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، ސެމީ ޔަގީން ކުރީ އަށް ޕޮއިންޓާ އެކުގައެވެ. ޕާކިސްތާނުން ދިގު އިންތިޒާރަކަށްފަހު މިއަހަރުގެ ވޯލްޑް ކަޕުގައި އިންޑިއާވެސް ބަލިކޮށްފައިވާ އިރު، މިއީ އެގައުމަށް އުންމީދީ ވޯލްޑް ކަޕެކެވެ. ގްރޫޕް ދޭއްގެ ދެވަނައިގައި މިވަގުތު އަފްގާނިސްތާން އޮތް އިރު، އެގައުމާއި ތިންވަނައިގައި އޮތް ނިއު ޒީލެންޑް އަދި ފަސްވަނައިގައި އޮތް އިންޑިއާއަށްވެސް އަދި ސެމީގެ ފުރުސަތު އެބައޮތެވެ. ނަމީބިއާ އަދި ސްކޮޓްލޭންޑް ވަނީ މިހާރު މުބާރާތުން ކަޓައިފައެވެ.
މިރޭގެ މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ބެޓް ކުރުމަށެވެ. ބެޓިންނަށް ފުރަތަމަވެސް ނުކުތީ އެޓީމުގެ ދެ ތަރިންނެވެ. ބަބާ އަޒާމްއާއި މުހައްމަދު ރިޒުވާންއެވެ. ފުރަތަމަ ކޮޅުގައި ދެކުޅުންތެރިންނަށްވެސް އުނދަގޫތަކެއް ދިމާވެފައިވީ ނަމަވެސް ފޯމު ރަނގަޅުކޮށް، ދެކުޅުންތެރިން ވަނީ ނުބައި ނުވެ، 113 ލަނޑު ހަދައިފައެވެ. ޕާކިސްތާނުން 20 އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން އިނިންގްސް ނިންމާލީ 189 ލަނޑާ އެކުގައެވެ.
ބަދަލުގައި ކުޅެން އަރައި ނަމީބިއާއިން ހިތްވަރާއެކު މަސައްކަތް ކުރި ނަމަވެސް ޕާކިސްތާން ފެނުނީ ވަރުގަދަކޮށެވެ. 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ނަމީބިއާއަށް ހެދުނީ 144 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ބެޓް ކުރީ 31 ބޯޅައިން 43 ލަނޑު ހެދި ވީސްއެވެ.
މިރޭ ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ބަންގުލަދޭޝް ވަނީ ދެކުނު އެފްރިކާ އަތުން ބަލިވެފައެވެ. އެ މެޗުން ބަންގުލަދޭޝް ބަލިވީ ހަ ވިކެޓުންނެވެ. ޓީ20 ވޯލްޑް ކަޕްގައި މާދަމާ އޮންނަ ފުރަތަމަ މެޗުގައި ނިއު ޒީލެންޑުން ސްކޮޓްލޭންޑާ ދެކޮޅަށް ނުކުންނަ އިރު، މާދަމާ ރޭ އޮންނަ މެޗަކީ އިންޑިއާއާއި އަފްގާނިސްތާން ވާދަކުރާ ފޯރިގަދަ މެޗެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް