މި އަހަރުގެ ތިން ވަނަ ކުއާޓާގައި ދައުލަތުގެ ރިޒާވް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މަރުކަޒީ ބޭންކުން މިއަދު އާންމުކުރި އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓާގައި ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 1,016.7 މިލިއަން ޑޮލަރެކެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލައި އިރު، 46 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާ ނިމުނު އިރު، ދައުލަތުގެ ރިޒާވްގައި ހުރީ 696.1 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މި އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓާގައި ރިޒާވް ހުރި ވަރަށްވުރެވެސް ބޮޑު އަދަދެކެވެ. ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ. އަދި ދެވަނަ ކުއާޓާގައި ހުރީ 912.4 މިލިއަން ޑޮލަރެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޒާވްވެސް ވަނީ މިދިޔަ އަހަރާ އަޅާބަލައި އިރު، އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ރިޒާވްގައި 741.6 މިލިއަން ޑޮލަރު ހުރި އިރު، މިއަހަރުގެ އެ މުއްދަތުގައި ރިޒާވް ވަނީ 103.1 މިލިއަން ޑޮލަރުން އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލައި އިރު 14 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލައި އިރު، މިއަހަރުގެ އެ މުއްދަތުގެ ރިޒާވް ވަނީ 209.9 މިލިއަން ޑޮލަރުން އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލައި އިރު، 30 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު، ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 874.3 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓު މަހު ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރި 569.8 މިލިއަން ޑޮލަރާ އަޅާބަލައި އިރު، 304.5 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.