ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އިތުރު ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ ހަސަން ސައީދު ކުރިމިނަލް ކޯޓުގައި ބޭއްވި ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއްގައި އަމަލުކުރައްވާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރުމަށް "މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާ ކަމަށެވެ.

އެހެންވެ މިއަދު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 82 ވަނަ ޖަލްސާގައި މި މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މި މައްސަލައިގެ އިތުރުން އިތުރު ދެ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

އެގޮތުން އޭނާ 2018 ވަނަ އަހަރު ފެމެލީ ކޯޓުގެ އިސް ގާޒީއެއްގެ މަގާމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެއް އަންނަނީ ބަލަމުންނެވެ. އަދި ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމުން އެ މައްސަލަވެސް ޖޭއެސްސީން އައީ ބަލަމުންނެވެ.

މީގެ ކުރިން ވެސް ވަނީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައިފައެވެ. ފެމިލީ ކޯޓުގައި ކުރިމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވިކަމުގެ ތުހުމަތުގައި އޭނާގެ މައްސަލައެއް ޖޭއެސްސީން ކުރިން ވަނީ ބަލައިފައެވެ. އަދި އެ މައްސަލަ ބަލައި ޖޭއެސްސީން ތަހުގީގު ނިންމީ ފެމެލީ ކޯޓުގެ ފަނޑިޔާރުގެ މަގާމުން ވަކިކުރާށެވެ. އަދި ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތްދިނުމަށްފަހު، ކުރިމިނަލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ފަހުން ނިންމިއެވެ.