ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބިދޭން ޖެހޭ ކަރާމަތާއި ޝަރަފު ހޯދައިދިނުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެކަމުގެ ހެއްކަކީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރޭންކާއި ގްރޭޑުގެ ކުރިއެރުން ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ޒަމާނީ ގޮންޖެހުންތަކާ ފައި ހަމަކުރެވޭ ވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި ޒަމާނީ ގޮންޖެހުންތަކާ ފައި ހަމަކުރެވޭ ވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވެސް ލިބިފައިވާ ފުރުސަތާއި ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އިމްރާން ވިދާޅުވިއެވެ. ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި ޝަރަފު ހޯދައިދިނުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި މި ދަތިކަން އޮތް ދުވަސްވަރުގައި ވެސް އަންނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ އިގުތިސާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ، ހިތްހަމަޖެހޭ ގޮތަކަށް ނޫން. މުޅި ދުނިޔޭގެ އިގުތިސާދަށް ވަނީ ނޭދެވޭ އަސަރުކޮށްފައި. މި ހާލަތުގައިވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން އަޅުގަނޑު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ބަޖެޓު ކޯޑުކޮށް ތަރުތީބު ކުރެވިފައިވާ ގޮތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ ތެރެއިން ހާއްސަކޮށް ތަމްރީނާއި، ހުނަރަށް ހޭދަކުރެވޭ މިންވަރުވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
ކުށްކުރާ މީހުންނާއި، ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި، ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން މެނުވީ ރާއްޖެއަށް ސުލުހަވެރި އަމާން ވެއްޓެއް ނުގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މުޖުތަމައުގައި އަމާންކަމާއި، ރައްކާތެރިކަމާއި، ސަލާމަތްކަން އޮންނަން ބޭނުންވި މިންވަރަކަށް އަމިއްލަ ނަފުސުން އެކަން އަދާކޮށް މުޅި މުޖުތަމައަށް ދައްކައިދޭން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާއަށް މަތިކޮށްފައި އޮތީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި މުޖުތަމައު، ޝަރަފުވެރި މުޖުތަމައަކަށް ވެގެންދަނީވެސް ފުލުހުންގެ މުއައްސަސާ ޝަރަފުވެރި މުޖުތަމައުއަކަށްވީ މިންވަރަކުން ކަމަށް ވިދާޅުވިއެވެ. އަދި މުއައްސަސާ ބިކަވެ ނިކަމެތިވި މިންވަރަކުން މުޅި ދައުލަތް، މުޅި ރައްޔިތުން، ބިކަވެ ނިކަމެތިވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.
"ފުލުހުންނަކީ އަމިއްލަ ނަފުސަށާއި، އެމީހެއްގެ އާއިލާގެ މައްޗަށް، އަދި މުޅި މުޖުތަމައުގެ މައްޗަށް އަބަދުވެސް އަދުލުވެރި، އިންސާފުވެރި، ހަމަހަމަކަން ފޯރުކޮށްދޭ ބައެއް. އަޅުގަނޑުމެންގެ ތެރެއިން އެކަން ނެތިގެން ހިނގައްޖެ ކޮންމެ ހިނދެއްގައި އޭގެ ހިތި ނަތީޖާއާއި، އަސަރު މުޅި ގައުމަށް ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ގާނޫނީ ވާޖިބާއި ޒިންމާއަށްވުރެ ބޮޑަށް އިޖުތިމާއީ، އަމިއްލަ ފަރުދީ ޒިންމާ ބޮޑު ކަމަށެވެ. ފުލުހަކަށްވީތީ އަމިއްލަ އިޖުތިމާއީ ފަރުދީ، ޒިންމާ އަދާކުރަން ޖެހޭ ކަމަށާއި އެގޮތުން މުޖުތަމައުގައި ހުރި ނުރައްކަލެއް އަދި ގޮންޖެހުމެއް ކުރިމަތިވާ ކޮންމެކަމަކުން މުޖުތަމައުގެ ހަމަޖެހުމާއި، ހިމޭންކަން ގެއްލިގެން ހިނގައިދާނެ އަދި މުޖުތަމައުގެ ފަރުދަކަށް ދެރަކަމެއް، ހިތާމައެއް ލިބިދާނެ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމުގައި އަދާކުރަންޖެހޭ ފަރުދީ ޒިންމާތައް އޮތްކަން ވަރަށް ބޮޑަށް ގަބޫލު ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުޖުތަމައުގައި އޮންނަ އިޖުތިމާއީ ޒިންމާ އަދާނުކުރެވުނީމާ މުޖުތަމައުން ބަލައިގަންނަ މިންވަރު ތަފާތުވާކަން ފާހަގަކުރައްވާ ވިދާޅުވީ، ރައްޔިތުން އެފަދަ ކަންކަން ބަލާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު