ކުރިއަށް އޮތް ލަންކާގެ މަހިންދަ ރާޖަޕަކްސާ ފޯ ނޭޝަންސް ކަޕަށް ދިވެހި ރާއްޖޭގެ ޓީމަށް އޮތް ޓާގެޓަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށް ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މިމަހުގެ ހަތްވަނަ ދުވަހުން 13 ވަނަ ދުވަހަށް ލަންކާގައި ބާއްވަން ހަމަޖެހިފައިވާ ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ހޯސްޓް ގައުމު ލަންކާއާއި ސީޝެލްސްގެ އިތުރުން ބަންގުލަދޭޝްއެވެ.

އެ މުބާރާތުގައި އަމާޒަކީ މުބާރާތް ކާމިޔާބުކުރުން ކަމަށް ގައުމީ ކޯޗު ބުނެފައި ވަނީ މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުންނެވެ. މިއަދުގެ އިވެންޓަކީ ޔޫތު މިނިސްޓްރީގެ ފަރާތުން ގައުމީ ޓީމަށް ދިން ހާއްސަ މެންދުރުގެ ފަރިއްކޮޅެކެވެ. އެ ފަރިއްކޮޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން ގައުމީ ޓީމަށް ހިތްވަރު ދެއްވާފައިވެއެވެ.

އިވެންޓުގައި އިޓަލީގެ ކޯޗު މޮރިއޭރޯ ބުނީ އޭނާގެ މަސައްކަތަކަށް އަބަދުވެސް ވާނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަށްވުރެ އުހަށް ގެންދިއުން ކަމަށާއި، ފޯ ނޭޝަންސް ކަޕަށް ދާނީ މުބާރާތް ކާމިޔާބުކުރަން ޓާގެޓް ކޮށްގެން ކަމަށެވެ.

"ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ ބޮޑެތި ޓާގެޓުތަކަކަށް ވާސިލުވާން. އެއީ އަހަރެންވެސް ވިސްނާ ގޮތް. ރާއްޖޭގައި އަހަރެން ކުރާ ކޮންމެ މަސައްކަތެއްގައި 100 ޕަސެންޓް ފޯކަސް އަކީ ރާއްޖޭގެ ފުޓްބޯޅަ މިހާރަށް ވުރެ މައްޗަށް ގެންދިއުން. ކުރިއަށް އޮތް މުބާރާތަށް އަހަރެމެން މިދަނީ މުބާރާތް ކާމިޔާބު ކުރުމުގެ އަމާޒުގައި،" މޮރިއޭރޯ ބުންޏެވެ.

ދާދި ފަހުން ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯއަކީ ކުރިން އިޓަލީގެ އެންމެ މަތީ ފަންތީގައި ފުޓުބޯޅަ ކުޅުނު ކޯޗެކެވެ. މޮރިއޭރޯގެ ފުޓުބޯޅަ ކެރިއަރަކީ އިޓަލީގެ ލެސޭއިން 1986 ވަނަ އަހަރު ފެށި ކެރިއަރެކެވެ. އެއީ އޭނާގެ ހޯމް ޓައުންއެވެ. ޒުވާން އުމުރުގައި ހޯމް ކްލަބުގެ ޔޫތު ސިސްޓަމުގެ ތެރެއިން ޕްރޮފެޝަނަލް ފުޓުބޯޅައަށް އައިސް އޭނާ ވަނީ އިޓަލީގެ ޝަރަފުވެރި ގައުމީ ޓީމާ ހަމައަށް ގޮސްފައެވެ.

ކަނާތް ފަޅީގެ އަރިމަތިން ހަލުވި، ޓެކްނިކަލް ކުޅުމެއް ދައްކަމުން ދިޔަ ހުނަރުވެރި ފޯވަޑް މޮރިއޭރޯ ލެސޭއިން ކަގިލިއަރީ އަށް ބަދަލުވެ، ދެން ކުޅުނީ ރޯމާ އަށެވެ. އޭނާ 1997 ވަނަ އަހަރު އިންޓަ މިލާނަށް ބަދަލުވީ އެ ކްލަބުގެ ރަން ދުވަސްވަރުގައެވެ. އިންޓައާއެކު މޮރިއޭރޯ ވަނީ ޔޫއެފާ ޔޫރޮޕާ ލީގު، އޭރުގެ ނަމުންނަމަ ޔޫއެފާ ކަޕް ކާމިޔާބުކޮށްފައެވެ.

މިއަދުގެ ހަފްލާގައި ކޯޗު އިތުރަށް ބުނީ ކުޅުންތެރިންގެ ވިސްނުމަށް އަބަދުވެސް ވާން ޖެހޭނީ ގައުމީ ޖާޒީއަށް އިހުތިރާމު ކުރާނެ ޖީލަކަށް މިސާލު ދެއްކުން ކަމަށެވެ.

"އަހަރެމެން ކުޅުންތެރިންގެ ވެސް ވިސްނުމަކަށް ވާން ޖެހޭނީ ޓީމުގެ ޖާޒީއަށް އިހުތިރާމުކޮށް ދެން އަންނަން އޮތް ޖީލަށް ރީތި މިސާލެއް ދެއްކޭނެ ފަދަ ކާމިޔާބު ހޯދުން. އެ މީހުންނަށް ދައްކައިދޭން ޖެހޭނެ ގައުމީ ޓީމަށް ސަޕޯޓް ކޮށްދޭން ޖެހޭ ފަދަ ހިތްވަރެއް،" މޮރިއޭރޯ ބުންޏެވެ.

ގައުމީ ޓީމުން ފޯ ނޭޝަންސް ކަޕަށް ފުރާނެ ކަމަށް ބެލެވެނީ ބުރާސްފަތި ދުވަހުގައެވެ. ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ ޓީމުން ފުރަތަމަ މެޗުގައި އަށްވަނަ ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހުއެވެ.