ކުޅިވަރު

ކްލަބު މޯލްޑިވްސް ގުރު ނަގައިފި، ބީއެމްއެލްއާއި އެޗްޑީސީ އަދި އާރް އާރްއާރްސީ އެއް ގްރޫޕަކަށް

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސްގެ ގުރުއަތުލުން ރޭ ބާއްވާފައި ވަނީ ވިމެންސް ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުމާ އެކުގައެވެ. ރަސްމިއްޔާތު ބާއްވާފައި ވަނީ ޓީވީއެމްގަ އެވެ.

ރޭ ޓީވީއެމްގައި ކުރިޔަށް ގެންދިޔަ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވަނީ ކްލަބް މޯލްޑިވްސްގެ އާ ލޯގޯ ވެސް ލޯންޗްކޮށްފައެވެ.

ކްލަބު މޯލްޑިވްސް ކަޕުގެ ގްރޫޕުތައް

ގްރޫޕް އޭ: އުރީދޫ، ކަސްޓަމްސް، މީޑިއާނެޓް، އެމްއޭސީއެލް

ގްރޫޕް ބީ: ޕޮލިސް ކްލަބް، އެލައިޑް، ޓްރޭޑް ކްލަބް، އެޗްއާރްސީ

ގްރޫޕް ސީ: ކްލަބް ވެމްކޯ، ސްޓެލްކޯ، ޔޫތު މިނިސްްޓްރީ، ސިޓީ ކައުންސިލް

ގްރޫޕް ޑީ: ޔުނައިޓެޑް ބީއެމްއެލް، ފެން ކްލަބް، އާރްޑީސީ، ކްލަބް އެޗްޑީސީ

ގްރޫޕް އީ: އިމިގްރޭޝަން، ދިރާގު، އެފްއެސްއެމް، ޓީމް އެމްއެންޕީއެޗްއައި

ގްރޫޕް އެފް: ޕްރިޒަން ކްލަބް، އޭވިއޭޝަން ސެކިއުރިޓީ، ޓީމު ފެނަކަ، އާރްއޯއެލް

ގްރޫޕް ޖީ: އެމްޕީއެލް، ޑީއެސްސީ، ސިވިލް ކޯޓު، ކްލަބް 220

ގްރޫޕް އެޗް: އެސްޓީއޯ، އެމްޓީސީސީ، އެމްއެމްއޭ ސޯޝަލް ކްލަބް، މޯލްޑިވް ގޭސް

ވުމަންސް ފުޓްސަލް ފިއެސްޓާގެ ގްރޫޕުތައް

ގްރޫޕް އޭ: ޕޮލިސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ސިޓީ ކައުންސިލް، ޓްރޭޑް ކްލަބް

ގްރޫޕް ބީ: އެމްޕީއެލް، ޓީމް ފެނަކަ، ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ

ކްލަބު މޯލްޑިވްސް ކަޕްގެ ގްރޫޕްތަކަށް ބަލާއިރު، އެންމެ ވަރުގަދަކޮށް ފެންނަނީ އެންމެފަހުގެ ޗެމްޕިއަން ބީއެމްއެލް ހިމެނޭ ގްރޫޕެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އެޗްޑީސީ އާއި މުބާރާތަށް އެންމެ ވަރުގަދައަށް ތައްޔާރުވަމުން އަންނަ އާރްޑީސީ އަދި، ފެން ކްލަބެވެ.

ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބު މޯލްޑިވްސް ބާއްވާތާ 14 އަހަރު ވެއްޖެއެވެ. އެ މުބާރާތަކީ ރާއްޖެއަށް ފުޓްސަލްގެ ފޯރި ގެނެސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މުބާރާތެވެ. ރާއްޖޭގެ އެންމެ ވަރުގަދަ، މަޝްހޫރު ފުޓްސަލް ކުޅުންތެރިންވެސް ކްލަބު މޯލްޑިވްސް އިން ތައާރާފުވެގެން އައި އިރު، އެ މުބާރާތަކީ އަދިވެސް އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. މުބާރާތުގައި އަބަދުވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުން ގަދަ ތަރިން ފެނިގެންދެއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ކްލަބު މޯލްޑިވްސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް ހޯދާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

ކްލަބު މޯލްޑިވްސްގެ ކުޅުން ފަށާނީ މިމަހު 20 ވަނަ ދުވަހުއެވެ.