ޚަބަރު

ރައީސްގެ އާދޭސް: އަޅުގަނޑުގެ ރައްޔިތުން ސަލާމަތްކޮށްދީ! ލޮނުގަނޑު އުފުލުން ނުހުއްޓުވުމަކީ ރާއްޖެއަށް މަރުގެ ހުކުމެއް

1

ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ ނިސްބަތް 1.5 ޑިގްރީ ސެލްސިއަސް އިން ދެ ޑިގްރީ ސެލްސިއަސްއަށް މައްޗަށް ހިނގައްޖެނަމަ އެއީ ރާއްޖެއަށް އިއްވޭ މަރުގެ ހުކުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އދ.ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26"ގެ ވޯލްޑް ލީޑަސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިންތިރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއަކީ މޫސުމީ ވަބާގެ ސަބަބުން ދުނިޔޭގެ ޗާޓުން ފޮހެވިގެންދާނެ ކަމަށް ބެލެވިފައިވާ އެއް ގައުމު ކަމަށެވެ. އަދި އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އުޅެން ޖެހިފައިވާ ދަތި، ބިރުވެރި ހާލަތު ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިދިޔަ މަހު ރާއްޖޭގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އެ ހުރިހާ ރަށަކަށްވެސް ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް މަޑުމަޑުން ގިރަމުންދާ ކަމަށް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށްފި ނަމަ، މި ގަރުނު ނިމޭއިރު، ރާއްޖެ ނޯންނާނެ ކަމަށެވެ. އެހެންކަމުން ރާއްޖެ ސަލާމަތް ކުރުމަށް ހުރިހާ ގައުމުތަކެއްގެ އެހީތެރިކަމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވިއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ކޮޕް26" ކޮންފަރެންސަކީ 12 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ސަމިޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.