ޚަބަރު

އައިޖީއެމްއެޗްގެ ނަރުހެއް މަރުވުން: ޕޯސްޓުމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާ އަށް ފޮނުވާލައިފި

ރިފާ ހަލީލު

އަމިއްލައަށް މަރުވެފައިވާ ކަމަށް ބުނެ މި މަހުގެ 19 ވަނަ ދުވަހު އައިޖީއެމްއެޗަށް ގެންދިޔަ، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އިއްޔެ ހެނދުނު އިންޑިއާ އަށް ފޮނުވާލައިފި އެވެ.

އައިޖީއެމްއެޗްގެ ޑަޔަލަސިސް ސެންޓަރުގައި މަސައްކަތް ކުރަމުން އައި ނަރުސް، މިމަހުގެ 19 ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ގެއަށް ދިޔައީ ބްރޭކަށެވެ. އޭގެ އިރުގަނޑެއްފަހުން އޭނާގެ ފިރިމީހާ، އޭނާގެ ފުރާނަ ނެތް ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އަމިއްލައަށް ދަންޖެހި މަރުވީ ކަމަށް ބުނެ އެވެ. ނަމަވެސް މި މަރުގައި ޝައްކުތަކެއް ވާތީ ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.

ފުލުހުން މިއަދު ބުނީ މަރުވި ނަރުހުގެ ހަށިގަނޑު އިއްޔެެ ހެނދުނުގެ ވަގުތެއްގައި ޕޯސްޓު މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

މަރުގެ މި މައްސަލަ އާ ގުޅިގެން ނަރުހުގެ ފިރިމީހާ ވަނީ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފަ އެވެ. އެ ފިރިހެން މީހާ އަކީ އައިޖީއެމްއެޗް އިމަޖެންސީ ރޫމް (އީއާރް)ގައި މަސައްކަތް ކުރާ ނަރުހެކެވެ.

ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.