ބާސެލޯނާ އިން އެންމެފަހުން ސްޕެނިޝް ލަލީގާގައި އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ފޯވަޑް ސާޖިއޯ އަގުއެރޯގެ މެޔަށް އެރި ތަދުގެ ސަބަބުން ތިން މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އަލާވޭސް އާ ދެކޮޅަށް ބާސާއިން ކުޅުނު މެޗުގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫތަކެއް ދިމާވެ، ދަނޑު މަތީގައި ހުއްޓާ އަވަސް ފަރުވާ ދޭން ޖެހިފައިވެއެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ވަންދެން ދަނޑު މަތީގައި މެޑިކަލް ޑޮކްޓަރުން ފަރުވާ ދިނުމަށްފަހު ދެން ވަގުތުން އަގުއޭރޯ ގެންގޮސްފައި ވަނީ އިމަޖެންސީގައި ހޮސްޕިޓަލަށެވެ.

އުމުރުން 33 އަހަރު އަގުއޭރޯގެ ހިތުގެ ޓެސްޓުތަކެއް ޑޮކްޓަރުން ހަދާފައިވާއިރު، ބާސާއިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ އަގުއޭރޯގެ ސިއްހީ ހާލަތު ކައިރިން މޮނީޓާ ކުރުމަށް ތިން މަސް ދުވަސް ބޭނުން ވާ ކަމަށާއި، ތެރަޕީއާއެކު ބައެއް އިތުރު ޓެސްޓްތައް ހަދަންވެސް ޑޮކްޓަރު ބޭނުން ވާ ކަމަށެވެ. އަގުއޭރޯގެ މައްސަލައަކަށް މިހާރުވެސް ފަރުވާ ދޭން ފަށާފައިވާއިރު، ބާސާއިން ބުނެފައި ވަނީ ތިން މަސް ފަހުންވެސް ކުޅެވޭނެ ކަން ޔަގީން ވާނީ ފަރުވާ ކުރިއަށްދާ ގޮތަކުން ކަމަށެވެ.

އަލާވޭސް އާ ދެކޮޅަށް އަގުއޭރޯ ކުޅުނު މެޗަކީ ބާސާ ޖާޒީގައި އޭނާ ފުރަތަމަ 11 ގައި ކުޅުނު ދެވަނަ މެޗެވެ. ޕްރި ސީޒަނުން ފެށިގެން އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް އަގުއޭރޯ ބާސާ ޖާޒީގައި ކުޅުނު ފުރަތަމަ މެޗަކީ ލީގުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗެވެ.

އަގުއޭރޯ މި ސީޒަނަށް ބާސާއާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު ބާސާއަށް ބަދަލުވި އަގުއޭރޯ އަކީ އެ ކްލަބު ގޯލް ރެކޯޑު އޮންނަ ފޯވަޑެވެ. ކްލަބަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އަގުއޭރޯ އަތުގައި އޮތީ 390 މެޗުން 260 ގޯލު ޖަހައިގެންނެވެ.