މާލޭގެ ގަލޮޅު ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 63 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

ގަލޮޅު ސްކޫލުގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައިގައި ތުހުމަތުކުރަނީ އެ ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ އަންހެނަކަށެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ އޭނާ ހައްޔަރުނުކޮށްގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

އެ މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. ޖިންސީ ގޯނާގެ އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.