ސްކޮޓްލޭންޑްގެ ގްލަސްގޯގައި ކުރިއަށްދާ ކޮޕް26 ގެ ހަވާސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކޮމަންވެލްތުގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ މަތީ ފަންތީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ހާލަތްތަކުގައި ރާއްޖެއިން އިސްކަންދޭނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރު މަޝްވަރާތަކަށް ވަގުތު ނަގާލެވެން އޮތް ދަނޑިވަޅެއް ނޫން ކަމަށާއި މިއީ އެންމެން އެއްކަމަކަށް އެއްބަސްވެ، އެކަންކަމަށް އަމަލުކުރަން ފަށަންވީ ވަގުތު ކަމަށެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ކަމަށް ލަފާކުރެވޭ ނާޒުކު ގިންތީގެ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އިތުރު އަހަންމިއްޔަތު ކަމެއް ދެމުންދާ ކަމަށެވެ.
މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީސިއާ ވިދާޅުވީ މިއީ 48 މެމްބަރު ގައުމު ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގައި 1.2 ބިލިއަން މީހުން އަދި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ 2.5 ބިލިއަން މީހުން ތަމްސީލުކުރާ ގޮތަށް ބޭއްވުނު ފުރަތަމަ މިފަދަ މަތީ ފަންތީގެ ބައްދަލުވުން ކަމަށެވެ.
މި ޕެނަލްގެ މަޝްވަރާތައް ޗެއާ ކުރައްވާފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއެވެ. އަދި މަތީ ފަންތީގެ ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީސިއާ އާއި ސްކޮޓްލަންޑާއި އެހެން ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް އަކީ 2009 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް ކޮޕް15 ގެ ކުރިން ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން އުފެއްދި ފޯރަމެކެވެ. މިއަދު ބޭއްވި މަތީ ފަންތީގެ މި ބައްދަލުވުމަކީ ކޮޕް26 ގައި ކޮމަންވެލްތު ޕެވިލިއަންގައި ކުރިއަށްދާ ކޮމަންވެލްތު ފޯ ކްލައިމެޓް ސިލްސިލާގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.