ފަނޑިޔާރަކު ޗުއްޓީގައި ހުންނަވަނިކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތަކާމެދު ހައި ކޯޓުން މިއަދު ގޮތެއް ކަނޑައަޅައިފިއެވެ.
ހައި ކޯޓުން މިއަދު ބުނީ، އިސްތިއުނާފު ބަލައިގަނެފައިވާ މަދަނީ މައްސަލައެއްގެ ތެރެއިން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައިވާ ހާލަތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ މައްސަލައިގެ ހުކުމް ތަންފީޒު ކުރަން ފަސްކުރުމާމެދު ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން، އިސްތިއުނާ ފުކޮށްފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރަން ޖެހޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ ހައި ކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުގެ 2021 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ފަނޑިޔާރަކު ޗުއްޓީގައި ހުންނަވަނިކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ ހާލަތްތަކުގައި، އެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރަން ފަސްކުރުމާމެދު ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން، އިސްތިއުނާފު ކޮށްފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރަން ޖެހޭނެ ކަމަށް ހަތް ފަނޑިޔާރަކު ވަނީ ފެންނަކަމަށް ވޯޓު ދީފައެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ ފަނޑިޔާރެކެވެ.
ފެންނަ ކަމަށް ވޯޓުދިން ފަނޑިޔާރުންނަކީ، އިސްފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް، ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަލީ ސަމީރުއެވެ.
ނުފެންނަ ކަމަށް ވޯޓު ދިނީ، ފަނޑިޔާރު ހުސެއިން މަޒީދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު