ޚަބަރު

މަހުމޫދުގެ މަރު: ސާލިމްގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިިފި

މުހައްމަދު އިޝާން

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލޮމް މިއާ(ސާލިމް)ގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހައިފި އެވެ.

ވިޔަފާރިވެރިޔާ މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ވައްޓާލާފައި އޮއްވައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކުރީ ޝާ އަލޮމް މިއާ (ސާލިމް) ކަމަށާއި އޭނާ ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެފަހަރު އޭނާގެ ބަންދަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

ފުލުހުން މިއަދު ބުނީ ސާލިމުގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ގެންދިޔުމުން ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ސާލިމުގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވެފައި، ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރުމުގެ އިތުރުން ސާލިމު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ރައްކާތެރިކަން ގެއްލިދާނެތީއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މަހުމޫދު މަރާލިކަމަށް ތުހުމަތު ކުރެވެނީ ހަމައެކަނި ސާލިމުގެ މައްޗަށް ކަމަށެވެ. އަދި އެ މައްސަލައިގައި ސާލިމް ދިރިއުޅޭ ގެ ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ ކަމަށާއި މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުން ހުރި އިތުރު ހެކިތަކެއް ވަޅުލާފައި ހުއްޓާ ހޯދި ކަމަށްވެސް ފުލުހުން ބުންޏެވެ.