ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ނިިއު ޒީލެންޑާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެ އިންޑިއާއަށް ގަދަ 12 އިން ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
ދުބާއީގައި މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި އިންޑިއާ ރޭ ނިއު ޒީލެންޑް އަތުން ބަލިވީ އަށް ވިކެޓުންނެވެ. މުބާރާތުގެ ގަދަ 12 ގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ ވާދަވެރި ޕާކިސްތާން އަތުން 10 ވިކެޓުން ބަލިވެފައެވެ. ޕާކިސްތާނު އަތުން ބޮޑުކޮށް ބަލިވެ އިންޑިއާއަށް މާޔޫސްކަން ކުރިމަތިވެފައި އޮއްވައި، ރޭ ބަލިވުމުން އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ.
ގްރޫޕް ދޭއްގެ އެއް ވަނައިގައި މި ވަގުތު އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހަމަކޮށްފައިވާ ޕާކިސްތާނެވެ. ދެ ވަނައިގައި އަފްގާނިސްތާން އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ނިއު ޒީލެންޑާއި ހަތަރެއްގައި އޮތް ނަމީބިއާ އަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އިންޑިއާ އާއި އެންމެ ފުލުގައި އޮތް ސްކޮޓްލެންޑަށް ދެ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެއެވެ.
އިންޑިއާއިން ޔަގީންކަމާއެކު ސެމީއަށް ދާން ބޭނުން ނަމަ ދެން އޮތީ ކުރިއަށް ގްރޫޕް އޭގައި ކުޅެން އޮތް ތިން މެޗުން މޮޅުވުމެވެ. އިންޑިއާ އަށް ދެން އޮތީ ބުދަ ދުވަހު އަފްގާނިސްތާނާ ކުޅޭ މެޗާއި ހުކުރު ދުވަހު ސްކޮޓްލެންޑާ ބައްދަލުކުރާ މެޗުގެ އިތުރުން އަންނަ ހަފުތާގައި ނަމީބިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ފީލްޑް ކުރާށެވެ. އިންޑިއާ އަށް 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. އިންޑިއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 19 ބޯޅައިން 26 ލަނޑު ހެދި ރަވިންދުރަ ޖަދޭޖާއެވެ. ރޭގެ މެޗުގައި އިންޑިއާގެ އުކުން ފެނުނީ ދަށްކޮށެވެ. ނިއު ޒީލެންޑުން 14.3 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު، 111 ލަނޑު ހަމަކޮށް މެޗު ކާމިޔާބު ކޮށްފައިވެއެވެ.
ނިއު ޒީލެންޑަށް އެންމެ ރަނގަޅަށް ބެޓް ކުރީ، 35 ބޯޅައިން 49 ލަނޑު ހެދި ޑަރީލް މިޗެލްއެވެ.
ޓީ20 ވޯލްޑް ކަޕްގައި ރޭ އަފްގާނިސްތާނުން ކުޅުނު މެޗުގައި ނަމީބިއާގެ މައްޗަށް ކުރި ހޯދީ 62 ލަނޑުންނެވެ. މުބާރާތުގައި މިރޭ އޮންނަ މެޗުގައި ވާދަކުރާނީ އިންގްލެންޑާއި ސްރީލަންކާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު