ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއް ކަމަށާއި އެ ބަޖެޓުގައި ހުރި ކަންކަން ހާސިލުކޮށް ފާގަތި ދިރިއުޅުމެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް މިނިސްޓަރު އަމީރު ހުށަހެޅުއްވީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ރަށްރަށުގައި ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ހިމެނެއެވެ.
ބަޖެޓާ ގުޅޭ ގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ހުރިހާ ގޮންޖެހުންތަކާއެކު ވެސް އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުން ބޭނުންވާ ފަދަ ފާގަތި ދިރިއުޅުމެއް ހޯދޭނެ އުންމީދީ ބަޖެޓެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނާއި ސަރުކާރާއެކު މި ކުރެވޭ މަސައްކަތުން އަޅުގަނޑުމެންނަށް ކޮވިޑް 19 އިން އަރައިގަނެވުނު ގޮތަށް އަޅުގަނޑުމެން ފާގަތި ދިރިއުޅުމެއް ހޯދަން ކުރާ މަސައްކަތް ވެސް ހާސިލު ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ބަޖެޓުގައި ހުރި ހުރިހާ ޕްރޮޖެކްޓުތަކެއް ނިންމޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑާއެކު މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 33 ޕަސަންޓް ދަށަށް ދިޔަ ކަމަށާއި 1930 ވަނަ އަހަރު މުޅި ދުނިޔެއަށް އައި ބޮޑު ތަދަށް ވުރެ ވެސް އިގުތިސާދީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންކަމުން މި އަރައިގަންނަނީ ކިހާ ވަރެއްގެ އިގުތިސާދީ ކާރިސާއަކުން ކަން އެންމެންވެސް ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އޭރުގެ ބޮޑު ތަދަށްވުރެ ބޮޑު އިގުތިސާދީ ކާރިސާއެއް އަޅުގަނޑުމެންނަށް މި ލައިގަތީ. އަދި އެއާއެކު އަޅުގަނޑުމެންނަށް 2020 ވަނަ އަހަރު ސަރުކާރުގެ އާމްދަނީ ވަރަށް ބޮޑުތަނުން ދަށަށް ދިޔަ. އެހެންވީމާ 2020 ވަނަ އަހަރު އަޅުގަނޑުމެންގެ ހަރަދު ކުޑަކޮށް، އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކެއް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 2021 ވަނަ އަހަރު، މިހާރު މި ހިނގާ ބަޖެޓުން އަލުން އިގުތިސޯދު އާރާސްތުކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރެވުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރާއި މިއަހަރު އެޅި ފިޔަވަޅުތަކުގެ ނަތީޖާއަށް ބަލައި، އަންނަ އަހަރުގެ ބަޖެޓަކީ އަލުން އިގުތިސޯދު އާރާސްތުކުރަން އެޅުނު ބޮޑު ބިންގަލެއް ކަމަށާއި މިއަހަރުގެ ބަޖެޓުން ރާއްޖޭގައި ޒަމާނުއްސުރެ މިހާތަނަށް އުފެދިފައި ހުރި ގިނަ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު