މޯލްޑިވިއަންގެ މުވައްޒަފުންގެ އާއިލާ އާއި ރައްޓެހީންނަށް އިންޑިއާގެ ވެރިރަށް، ނިއު ދިއްލީއަށް ދަތުރު ކުރެވޭ ހާއްސަ ފެއާއެއް އެކުންފުނިން ތައާރަފުކޮށްފިއެވެ.

މޯލްޑިވިއަން އިން ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ދިއްލީއަށް ދަތުރުތައް ފަށަން ނިންމާފައެވެ.

މޯލްޑިވިއަން އިން ބުނީ، އެ ފެއާގެ ދަށުން އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާ އާއި ރައްޓެހިންނަށް 150 ޑޮލަރަށް ދިއްލީގެ ދެކޮޅު ޓިކެޓް ގަނެވޭނެ ކަމަށެވެ.

އެ ފެއާ ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށް ކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ. ފެއާގެ ދަށުން ކޮންމެ މުވައްޒަފެއް މެދުވެރިކޮށް ރިޒަވޭޝަން ހެއްދޭނީ ފަސް ޓިކެޓަށެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް "ވަން" އަށް މިރޭ ވިދާޅުވީ، މޯލްޑިވިއަން އަކީ އަބަދުވެސް ކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރަން ބޭނުންވާ ކުންފުންޏެއް ކަމަށާއި އެގޮތުން އެކި ފަންތީގައި މުވައްޒަފުންނަށް އެކި ކަންކަމުގައި ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެހެން ކަމުން މި ފުރުސަތަކީ ވެސް އެ ގޮތުގެ މަތީން ފަހިކޮށްދޭ ފުރުސަތެއް ކަމަށް ވަސީމް ވިދާޅުވި އެވެ.