ނުވަ މީޓަރަށްވުރެ ކުދި އުޅަނދުތައް މޫސުމީ ސަމާލުތަކުގައި ދަތުރުކުރުން މަނާކޮށް، ބައެއް ހާލަތްތަކުގައި ލައިފްޖެކެޓު އެޅުން ލާޒިމުކޮށްފިއެވެ.
އެ ބަދަލުތައް ގެނެސްފައިވަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި އެ އިސްލާހު މިއަދު ވަނީ ގެޒެޓުކޮށްފައެވެ.
އެ އިސްލާހުގައިވާ ގޮތުން މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ. ނަމަވެސް ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަޖެންސީ ދަތުރުތައް ކުރުމަށް ފަސިންޖަރުން އުފުލުން މަނައެއް ނުކުރެއެވެ. އަދި އެ އުޅަނދުފަހަރު އޮރެންޖް، ރެޑް ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަށް ކަނޑުމައްޗަށް ނުކުތުމަކީ މަނާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި، ވަކި ހާލަތްތަކުގައި ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރާއި، ދަތުރެއްގެ މަތީގައި ނަގިލި ލައިފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި ތިބޭ ފަސިންޖަރުންނާއި ފަޅުވެރިންނަށް ހުރިހާ ވަގުތެއްގައި ލައިފްޖެކެޓް ފަސޭހައިން ލިބޭނެގޮތަށް އުޅަނދުގައި ހަމަޖެހިފައި ހުންނަން ވާނެއެވެ. އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރުމުގައި، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނުކުންނަން ޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި ނުވަ މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައި ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.
އެ ގަވާއިދާ ހިލާފުވާ އުޅަނދެއްގެ އޮޕަރޭޓަރުން ޖޫރިމަނާކޮށް، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ވަނީ ނިންމައިފައެވެ. އަދި ތަކުރާރުކުރާ ނަމަ، ލައިސަންސް ހިފަހައްޓާ މުއްދަތު އިތުރުކުރުމަށް ވެސް ނިންމާފައިވެއެވެ.