ދެހާސް ބާވީސް ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 160 ޑޮކްޓަރުންނާއި 200އަށްވުރެ ގިނަ އާ ނަރުހުން ހޯދަން ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅުއްވައިފައެވެ. ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އެއީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަމީރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ވަނީ ސިއްހީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. 4.6 ބިލިއަން ރުފިޔާގެ ތެރެއިން 3.97 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އޭގެތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ބަޖެޓު ހުށަހަޅުއްވަމުން އަމީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް އެޅޭ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން، އަންނަ އަހަރު ސިއްހީ ދާއިރާގެ އާ ގިނަ މުވައްޒަފުންތަކަކަށް ޖާގަ ދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އަތޮޅުތެރޭގައި ހޮސްޕިޓަލުތައް އަދި ހެލްތު ސެންޓަރުތައް އެޅުމަށް 448 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ. އެގޮތުން ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 53 މިލިއަން ރުފިޔާ އަދި ހަތަރު ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް އަޅަން 60 މިލިއަން ރުފިޔާ ހާއްސަކޮށްފައިވެއެވެ.
އަމީރު ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި އެކަން ހާސިލުކުރުމަށް ކުރަމުން އަންނަ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުން ކަމަށެވެ.
ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭކަން ކަށަވަރުކުރުމުގެ ގޮތުން 60 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާކަން އަމީރު ވަނީ ފާހަގަކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު