އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖް ސިޔާސަތު ތަންފީޒުކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެއީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ، މިނިމަމް ވޭޖާއި މުސާރައިގެ ހަމަހަމަކަން ގެނައުމަށް ދައުލަތުގެ ބަޖެޓަށް އިތުރު 500 މިލިއަން ރުފިޔާ ކަނޑައަޅަން ހަމަޖެހިފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން މުވައްޒަފުންގެ މުސާރައިގެ މިންގަނޑު އެއް ހަމަކޮށް މިނިމަމް ވޭޖް ތަންފީޒުކުރުމުގެ މަސައްކަތް ކުރަނީ ކުރިއަށް ތިން އަހަރަށް ބަހާލައިގެންނެވެ. އަންނަ އަހަރަށް 500 މިލިއަން ރުފިޔާ ކަނޑައެޅި އިރު 2023 ވަނަ އަހަރު މިކަމަށް 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި 2024 ވަނަ އަހަރަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅަން ވަނީ ޕްލޭންކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ބުނީ މިނިމަމް ވޭޖުގެ ގޮތުގައި މިނިމަމް ވޭޖް އެޑްވައިޒަރީ ކައުންސިލުން ލަފާ ދީފައިވާ މުސާރަ އާއި ފިކްސްޑް އެލަވަންސް މަހަކަށް 7،000 ރުފިޔާ ކަނޑައަޅައިފި ނަމަ ސީދާ ގޮތެއްގައި މިނިމަމް ވޭޖް ދިނުމަށް 163 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. ބާކީ ބައި ހިމެނޭނީ ޕޭ ހާމަނައިޒޭޝަންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ ހަމަހަމަކަން ގެނައުމަށެވެ.
އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފަރ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސް ކުރަން ޖެހޭ 35.7 މިލިއަން ރުފިޔާއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 24.3 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެ ކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއާ އަޅައި ބަލާއިރު 23 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، 2022 ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު