ހުސްވި 2020 ވަނަ އަހަރާއި މި އަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެ ކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ހުސްވި އަހަރު ދައުލަތުގެ އާމްދަނީ އެ އަހަރަށް އަންދާޒާ ކުރި މިންވަރާ އަޅައިބަލާއިރު، ދެބައިކުޅަ އެއްބައިން ދަށަށް ދިއުމާއެކު، ދައުލަތުގެ ހަރަދުތައް ފޫބައްދަން ޖެހުނީ ދަރަނިން ކަމަށެވެ.

ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާއެކު، ހަރަދު ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތައް އެޅި ކަމަށާއި، އެ ފިޔަވަޅުތަކުގެ ސަބަބުން 2020 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި މިންވަރަށްވުރެ 8.8 ބިލިއަން ރުފިޔާ ކުޑަވި ކަމަށްވެސް ވިދާޅުވިއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރި ހަރަދާއި އިގުތިސޮދީ ރެސްޕޮންސަށް ކުރި ހަރަދު ހިމަނައިގެން ކުޑަވި މިންވަރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހުސްވި 2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ހަރަދުވެފައިވަނީ 30.2 ބިލިއަން ރުފިޔާ ކަމަށާއި، އެހެންކަމުން އެ އަހަރުގެ ބަޖެޓް ޑެފިސިޓް ވެފައިވަނީ 13.5 ބިލިއަން ރުފިޔާއިން ކަމަށްވެސް ވިދާޅުވިއެވެ. އަދި މި އަހަރުގެ ބަޖެޓު ތަންފީޒު ކުރުމުގައިވެސް ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު، މި އަހަރު ބަޖެޓު ހުންނާނެކަމަށް ބެލެވެނީ 37.2 ބިލިއަން ރުފިޔާގައި ކަމަށާއި، ބަޖެޓު ބޮޑުވެފައިވަނީ 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ "ސަނީސައިޑް" ބޮންޑުގެ ބޮޑުބައެއް މި އަހަރުގެ ތެރޭގައި އަދާކުރުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ މި އަހަރު އަދާ ނުކުރިނަމަ، 2022 ވަނަ އަހަރު ދައްކަން ޖެހޭނެ ފައިސާއެއް ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ 2022 ވަނަ އަހަރުގެ ބަޖެޓާއެކު، 2021 ވަނަ އަހަރުގެ ބަޖެޓުގައި މި ލައިބިލިޓީ މެނޭޖްމަންޓު ހަރަކާތުގައި ސަނީސައިޑް ބޮންޑަށް އިންވެސްޓަރުންނަށް އަނބުރާ ދެއްކި 2.9 ބިލިއަން ރުފިޔާ ހިމެނުމަށް ހުށަހަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުސްވި 2020 ވަނަ އަހަރާއި މި އަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށްވެސް ވިދާޅުވިއެވެ. މިއީ މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.