މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި ހުންނާނީ 672 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްތަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، އަންނަ 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އަހަރު ހުރީ ރެކޯޑް މިންވަރަކަށް މަތީގައި ކަމަށެވެ. އެއީ އިމްޕޯޓް ދަށްވުމާއި، ރިޒާވަށް އައިސްދާނެ ލޮޅުމަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އިގުތިސާދު ހުޅުވި، އިމްޕޯޓް ކުރާ މިންވަރު މަތިވުމާއެކު، ރަސްމީ ރިޒާވްގައި މިއަހަރު ނިމޭއިރު ހުންނާނީ 672 މިލިއަން ޑޮލަރު ކަމަށާއި، އަންނަ އަހަރު ނިމޭއިރުވެސް ރަސްމީ ރިޒާވް ހުންނާނީ ގާތްގަނޑަކަށް އެ މިންވަރުގައި ހިފެހެއްޓިފައި ކަމަށް ވެސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފައެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ ކަމަށެވެ. މިއީ މިއަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެ ކަމަށް މިހާރު ލަފާކުރާ އާމްދަނީއާ އަޅައި ބަލާއިރު 23 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު