ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށަން ނިންމީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިނންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތަށެވެ. އެންވަޔަރަމެންޓު މިނިސްޓްރީގެ އެ ޕްލޭނުގައި ވަނީ، މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ޓެކުހެއް ނަގަން ވަނީ ރާވާފައެވެ. ޓެކްސް ނެގުމަށް އެ ޕްލޭންގައި ކަނޑައަޅާފައިވަނީ، ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވެސް ދެ ރުފިޔާއެވެ. ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ރާވާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

މިއަދު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެއީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަދު ހުށަހެޅުއްވި އެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ބަޖެޓު ފޫބެއްދުމަށް ޓަކައި ދަރަނި ނަގަން ޖެހުނު މިންވަރު ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ. އަންނަ އަހަރު ތެރޭގައި ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ވަރަށް ބޮޑަށް ކުޑަކުރަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ދަރަނި ނަގަން ޖެހުމުގެ ސަބަބުން މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށެވެ. އެއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 122 ޕަސަންޓެވެ.