ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިގެ މަސައްކަތް ނިންމާލައިފި އެވެ.
އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 25,513 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 6564 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ކޭބަލް ޖަންކްޝަން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ކަފިހިހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މީގެ ކުރިން ވެސް ދުވާފަރުގެ ބައެއް މަގުތަކުގައި ވަނީ ތާރު އަޅާފަ އެވެ. ފޭސް އެކެއްގެ އެ މަސައްކަތް ނިންމާލާފައި ވަނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށް ދަނީ ފޭސް ދޭއްގެ ދަށުން ތާރުއެޅުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ޖުމުލަ އަގަކީ 43.05 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން އަންނަނީ ދުވަފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު