މިއަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބެޖެޓް 12.8 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް މިއަދު ހުށަހަޅުއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އަށްފަހު ރާއްޖޭގެ އިގުތިސާދު އަދިވެސް އާންމު ހާލަތަށް ނުވަތަ 2019ގެ އާމްދަނީއާ އެއްހަމައަކަށް ނާންނަ ކަމަށެވެ.
މިދިޔަ އަހަރު ދައުލަތަށް ލިބިފައިވަނީ 15.2 ބިލިއަން ރުފިޔާ ކަމަށާއި މިއީ 2019 ވަނަ އަހަރުގެ އާމްދަނީއަށް ވުރެ 34.5 އިންސައްތަ ދަށް އަދަދެއް ކަމަށް ވެސް ވިދާޅުވިއެވެ. މިއަހަރު ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 19.1 ބިލިއަން ރުފިޔާ ކަމަށާއި މިއީ 2019 ވަނަ އަހަރުގެ އާމްދަނީއާ އަޅައިބަލާއިރު، 15.3 އިންސައްތަ ދަށް އާމްދަނީއެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާއެކު، ހަރަދު ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތައް އެޅި ކަމަށާއި، އެ ފިޔަވަޅުތަކުގެ ސަބަބުން 2020 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި މިންވަރަށްވުރެ 8.8 ބިލިއަން ރުފިޔާ ކުޑަވި ކަމަށެވެ.
މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ކުރި ހަރަދާއި އިގުތިސާދީ ރެސްޕޮންސަށް ކުރި ހަރަދު ހިމަނައިގެން ކުޑަވި މިންވަރެއް ކަމަށާއި، 2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ހަރަދުވެފައި ވަނީ 30.2 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެ އަހަރުގެ ބަޖެޓް ޑެފިސިޓް ވެފައިވަނީ 13.5 ބިލިއަން ރުފިޔާއިން ކަމަށާއި، މިއަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައިވެސް ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"އެއާއެކު، މިއަހަރު ބަޖެޓު ހުންނާނެކަމަށް ބެލެވެނީ 37.2 ބިލިއަން ރުފިޔާގައި. ބަޖެޓު ބޮޑުވެފައިވަނީ 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ "ސަނީސައިޑް" ބޮންޑުގެ ބޮޑުބައެއް މިއަހަރުގެ ތެރޭގައި އަދާކުރުމުން. މިއީ މިއަހަރު އަދާނުކުރިނަމަ، 2022 ވަނަ އަހަރު ދައްކަން ޖެހޭނެ ފައިސާއެއް. މި ފައިސާ 2021 ވަނަ އަހަރު ދެއްކީ ލައިބިލިޓީ މެނޭޖްކުރުމުގެ ހަރަކާތެއްގެ ތެރެއިން. މިގޮތަށް އަމަލުކުރުމުގެ ސަބަބުން، ސަނީސައިޑް ބޮންޑް ސެކަންޑަރީ މާކެޓުގައި އޭރު މުއާމަލާތްކުރަމުން ދިޔަ އަގު ވެއްޓިފައި އޮތުން ރަނގަޅުކޮށް، އެ ބޮންޑުގެ ކޫޕަން ރޭޓް ކަމަށްވާ ހަތް އިންސައްތައާ ގާތަށް ޔީލްޑް ގެންދެވުނު. މިއީ ދުނިޔޭގެ ބައެއް ބޮޑެތި ބެންކުތަކުންނާއި ރޭޓިން އެޖެންސީތަކުން ތައުރީފުކޮށްފައިވާ ހަރަކާތެއް. އަދި ސަރުކާރުން ހޯދާފައިވާ މުހިއްމު ކާމިޔާބީއެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓާއެކު، މިއަހަރުގެ ބަޖެޓުގައި މި ލައިބިލިޓީ މެނޭޖްމަންޓު ހަރަކާތުގައި ސަނީސައިޑް ބޮންޑަށް އިންވެސްޓަރުންނަށް އަނބުރާ ދެއްކި 2.9 ބިލިއަން ރުފިޔާ ހިމެނުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓު ޑެފިސިޓްވާނެ ކަމަށް މިހާރު ލަފާކުރެވެނީ 12.8 ބިލިއަން ރުފިޔާއިން ކަމަށްވެސް ވިދާޅުވިއެވެ.
"2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މިއަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެ ކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި. މިއީ ޖީޑީޕީގެ ނިސްބަތުން 122 އިންސައްތަ،" މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު