ކޮވިޑް 19 ގެ ހާލަތަށްފަހު މިއަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ ފަސް އިގްތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއދުގެ ޖަލްސާގައި އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން އިއްވެވި ބަޖެޓު ބަޔާނުގައެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އަށްފަހު 15 ޖުލައި 2020 ގައި ރާއްޖޭގެ ބޯޑަރު ހުޅުވުމަކީ ރާއްޖޭގެ އިގުތިސޯދު އަލުން އާރާސްތުވުމަށް އެޅި އެންމެ މުހިއްމު ފިޔަވަޅު ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ތިން މަސް ވަންދެން ފަތުރުވެރިން ނެތި ފަޅުވެފައި ހުރި ރިޒޯޓްތަކަށް ދިރުން ގެނައުމަކީ ރާއްޖޭގެ އިގުތިސާދުގައި ވިންދު ޖެހުން ކަމަށްވެސް ވިދާޅުވިއެވެ.

އެކި ފަރާތްތަކުގެ ފާޑުކިޔުންތަކާއެކުވެސް ސަރުކާރުން އެ ދުވަހު ނިންމި މުހިންމު ނިންމުންތަކުގެ ނަތީޖާ މިހާރު ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މި އަހަރަށް ކަނޑައެޅި ޓާގެޓު ކަމަށްވާ އެއް މިލިއަން ފަތުރުވެރިން ރާއްޖެ އައިސް، މީގެ ދެ ދުވަސްކުރިން އެކަން ފާހަގަ ކޮށްފައިވާއިރު، ހަމަ އެ ދުވަހު ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ ފިޗް ރޭޓިންގްސް އިން އަޕްގްރޭޑް ކޮށް، އައުޓްލުކް ސްޓޭބަލް ކަމުގައި ކަނޑައެޅިގެން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން މި އަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ ފަސް އިގުތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނޭ،" މިނިސްތަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިގުތިސޯދު މިހާ އަވަހަށް ބައުންސް ބެކް ވުމުގެ ސިއްރަކީ ކޮވިޑް ގެ ސަބަބުން ރައްޔިތުން ކުރިމަތިލާން ޖެހުނު ދަތިތަކާ ގޮންޖެހުންތަކާއެކު ވެސް ރައްޔިތުންގެ ވިލުންވެރިކަން، އަދި ސަރުކާރުން މި ބަލިމަޑު ކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓަކީ ކޮވިޑް ގެ ހާލަތުގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކުން ދެއްކި ނަމޫނާއިން ހިތްވަރު ލިބިގަނެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ސަރުކާރުންވީ ވައުދުތައް ފުއްދައި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭނެ ބަޖެޓެއް ކަމަށްވެސް ވިދާޅުވިއެވެ.