ޚަބަރު

ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ގެންދާނެ ދުވަހެއް އަދި ނޭނގެ: ފުލުހުން

ރިފާ ހަލީލު

އަމިއްލަ އަށް މަރުވި ކަމަށްބުނާ ނަރުހުގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގައި ކަމަށާއި ޕޯސްޓު މޯޓަމް ހެދުމަށް ގެންދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޑަޔަލަސިސް ސެންޓަރުގައި މަސައްކަތް ކުރަމުން އައި ނަރުސް މިމަހުގެ 19 ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ގެއަށް ދިޔައީ ބްރޭކަށެވެ. އޭގެ އިރުގަނޑެއްފަހުން އޭނާގެ ފިރިމީހާ، އޭނާގެ ފުރާނަ ނެތް ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އަމިއްލައަށް ދަންޖެހި މަރުވެގެން ކަމަށްބުނެ އެވެ. ނަމަވެސް މި މަރުގައި ޝައްކުތަކެއް ވާތީ ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.

ނަރުސް މަރުވިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގަ އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ނަރުހުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ގެންދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެކަމަށް ވާން ޖެހޭ ތައްޔާރީތަކާއި ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

މަރުގެ މި މމައްސަލައިގައި ނަރުހުގެ ފިރިމީހާ ވަނީ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފަ އެވެ. އެ ފިރިހެން މީހާ އަކީވެސް އައިޖީއެމްއެޗް އެމަޖެންސީ ރޫމް (އީއާރް)ގައި މަސައްކަތް ކުރާ ނަރުހެކެވެ.