އަންނަ އަހަރު އިލެކްޓްރޯނިކް ޗެކިންގެ ހިދުމަތް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނެފިއެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އިއްޔެ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ވިދާޅުވީ، އެއާޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެންޑްރޫ ވިދާޅުވީ، މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެއާޕޯޓުގެ ޖާގައިގެ ދަތިކަން ކަމަށާއި އެއްފަރާ ގިނަ ބަޔަަކަށް ހިދުމަތް ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށާއި އެކަން ހައްލު ކުރުމަށް ޓޫރިސްޓު ސީޒަނާ ދިމާކޮށް އިތުރު މުވައްޒަފުން ނަގައި މުވައްޒަފުން އިތުރުކުރަން ފަށާފައިވާ ކަމަށެވެ.

ވީއައިއޭގެ ހިދުމަތްތައް އިތުރަށް ޒަމާނީ ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެންޑްރޫ ވިދާޅުވީ، އަންނަ އަހަރު އިލެކްޓްރިކް ޗެކިން ފަދަ ހިދުމަތްތައް ތައާރަފު ކުރާނެ ކަމަށެވެ.

"މަސައްކަތް ކުރަމުން މި އަންނަނީ އަންނަ އަހަރުގެ މެދުތެރޭގައި އިލެކްޓްރޯނިކް ޗެކިން އާއި ސެލްފް ބޭގް ޑްރޮޕް ކަަހަލަ ހިދުމަތްތައް ތައާރަފު ކުރަން،" އެންޑްރޫ ވިދާޅުވި އެވެ.

ވީއައިއޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެންޑްރޫ ވިދާޅުވިއިރު އެއާޕޯޓު ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރު ހަރަދުކޮށްގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަލަށް ހަދާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ހިމެނެއެވެ.