ޚަބަރު

ތިލަމާލެ ބުރިޖުގެ ސާވޭގެ މަސައްކަތް ފަށައިފި

އަލީ ޔާމިން

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބުރިޖު އެޅުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ، ތިލަމާލެ ބުރިޖުގެ ސާވޭގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށާއި އެ ސާވޭ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 22ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ސާވޭގެ މަސައްކަތް ކުރިއަށް ގެންދަނީ، މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިމާލެއާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާ ދެމެދު އެއް ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއްގައި ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މި ސާވޭ ކުރިއަށް ގެންދަނީ، އެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯސައިޓް ސާވެއާސްއާ ހަވާލުކޮށްގެނެވެ.

މި ސާވޭ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާވޭ ހެދުމަށް ބޭނުންކުރާ ބޯޓާއި އަދި މި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު އޮޕަރޭޓް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގައިފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

ތިލަމާލެ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. އިންޑިއާ ސަރުކާރުގެ ސަތޭކަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެވެ.