އިސްލާމްދީނުގެ ހުކުމްތައް އޮޅުންފިލުވައިދޭއިރު ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަމަށް ސަމާލުކަން ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ އިލްތިމާސް ކުރައްވައިފިއެވެ.

މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގެ ހުކުމްތައް އާއްމުންނަށް އޮޅުންފިލުވާދޭއިރު، ކީރިތި ގުރުއާނާއި ސައްހަ ސުންނަތުން އޮޅުމެއް ނެތި ސާބިތުވާ ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީނުގެ ހުކުމްތައް އާންމުންނަށް އޮޅުންފިލުއްވާދޭއިރު ދެއްވާ ބޭފުޅުން ކީރިތި ގުރުއާނާއި ސައްހަ ސުންނަތުން އޮޅުމެއް ނެތި ސާބިތުވާ ކަންތައްތައް ބަޔާން ކޮށްދެއްވުމަށް ސަމާލުކަން ދެއްވުން އެދެން،" މައުމޫނު ވިދާޅުވިއެވެ.

މައުމޫން މިގޮތަށް އިލްތިމާސްކުރައްވާފައިވާއިރު، ސުޕްރީމް ކޯޓުން ޒިނޭ ސާބިތުކުރުމުގައި ޑީއެންއޭ ގަރީނާގެ ގޮތުގައި ބަލައިގަތުމަށް ކަނޑައެޅި ނިންމުމާ ގުޅޭ ގޮތުން ބައެއް ދީނީ އިލްމުވެރިންނާއި ގާނޫނީ ވަކީލުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަށް މައުމޫންވެސް ވަނީ ތާއީދު ކުރައްވައި ޓްވީޓް ކުރައްވައިފައެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ މޯލްޑިވަސް ރީފޯމް މޫވްމެންޓު (އެމްއާރްއެމް) އިންވެސް ވަނީ އެކަމަށް ތާއިދުކޮށްފައެވެ.

އެމްއާރްއެމުން ބުނީ، ޒިނޭގެ މައްސަލަތަށް ސާބިތުކުރުމަށް ޑީއެންއޭ ގަރީނާގެ ގޮތުގައި ބަލައިގަތުމަކީ ތާރީހީ ނިންމުމެއް ކަމަށެވެ.

ޒިނޭގެ މައްސަލަތަށް ސާބިތު ކުރުމަށް ގަރިނާގެ ގޮތުގައި ޑީއެންއޭ ބަލައިގަނެވޭނެ ކަމަށް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ މުހައްމަދު ތައުފީގު ކިޔާ މީހެއްގެ މައްޗަށް ދައުލަތުން ކުރި ޒިނޭ ކުރުމުގެ ދައުވާގެ މައްސަލައިގައެވެ. އެ މައްސަލައިގައި ދައުވާ ކުރި ފާތިމަތު ޝަމީމާ ކިޔާ މީހަކު ވަނީ އޭނާ ވިހެއީ ތައުފީގުގެ ދަރިއެއް ކަމަށް ބުނެފައެވެ. ކުއްޖާގެ ޑީއެންއޭ ތައުފީގުގެ ޑީއެންއޭއާ ދިމާވިއެވެ. ނަމަވެސް ތައުފީގު ވަނީ ޒިނޭ ކުރިކަމަށް އިންކާރުކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ޒިނޭގެ މައްސަލަ ހައްދުގެ މިންގަނޑުން ސާބިތުނުކޮށް، ތައުޒީރީ މިންގަނޑުން (ގާނޫނީ މިންގަނޑުން) ސާބިތުކުރުމަށް ޑީއެންއޭ ބޭނުންކުރެވިދާނެ ކަމަށެވެ.

ހައި ކޯޓުގެ އެ ހުކުމާ ގުޅޭގޮތުން ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެފައިވަނީ ޑީއޭންއޭއަކީ ސައްހަ ގަރީނާއެއް ކަމަށްވުމުން، ހައި ކޯޓުގެ ހުކުމް ގޯސް ކަމަށެވެ. އަދި ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ވެސް ވަނީ އެ ހުކުމް ގޯސް ކަމަށް ވިދާޅުވެފައެވެ.