ޓުއާ ގައިޑެއް ކަމަށް ބުނެ ރާއްޖެ އައި ފަތުރުވެރިއަކަށް ހިދުމަތްދީ، އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުވާ މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުން ދިޔައީ ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ ތަންވީރު އިސްލާމެވެ.
އެމީހާ ފައިސާތައް ވަގަށް ނަގާފައިވަނީ ފަތުރުވެރިޔާއާ އެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗު މޫދަށް އެރުނު ވަގުތެވެ.
ފުލުހުން މިއަދު ބުނީ ތަންވީރު އިސްލާމް ހައްޔަރުކޮށްފައިވަނީ އާންމުންގެ އެހީތެރިކަމާއެކު މިދިޔަ އާދިއްތަ ދުވަހު މާލެއިން ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ދިހަ ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ އިތުރުންވެސް ތަންވީރަށް ތުހުމަތުކުރެވޭ އިތުރު ތިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ތިން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.